މާލެ ސިޓީ ކައުންސިލުން ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާތީ، އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ޓޭޕް ދަމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިމެންދެން އެއްވެސް ފަރާތަކުން އެ ސަރަހައްދަށް މޫދަށް ނޭރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ސީދާ ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ކަނޑަށް އެޅިފައި ހުރި ތެޔޮތަކެއް އޮޔާލާފައި އައިސް ރަސްފަންނު ސަރަހައްދަށް ލެއްގީ ކަމަށެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން މި ސަރަހައްދުގެ މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ބަންދުކޮށް ސާފުކުރަން ޖެހިފައިވެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ހުކުރު ދުވަހުއެވެ. ނަމަވެސް، ހުޅުވާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތެލުގެ އަސަރު ކުރުމާއި، ގިނަ އަދަދެއްގެ ކުންޏާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތި އެ ސަރަހައްދަށް ޖަމާވަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.