ހުސްވި އަހަރުގެ ޑިސެމްބަރު މަހު މަގު ބްލޮކްކޮށް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި 3 ޑްރައިވަރުންނަށް ދައުލަތުން ދައުވާ ކޮށްފިއެވެ.
ޓެކްސީ ޑްރައިވަރުން އެފަހަރު ހުޅުމާލޭގައި އިހްތިޖާޖުކުރީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅޭތީ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޑިސެމްބަރު 11، 2024 ގައި ނިރުޅޮމަގު އެމްޑަބްލިއުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި، އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ ކުރަން ފޮނުވާފައިވާ ތިން މީހުންނަކީ:
- މުހައްމަދު ޝާމިން، މއ. ވިރާހު
- މިސްބާހު ޝަރީފް، މއ. ނަހީދީމަންޒިލް
- ނުއުމާން އަހުމަދު، ހދ. ކުމުންދޫ، ހޮލިޑޭވިޖެލް
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް ދައުވާކުރަނީ އިތުރު ބަޔަކާ އެކު، އުޅަނދުތަކަށް ނުދެވޭ ގޮތަށް އެ މީހުން ޓެކްސީ ކުރަން ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި އެ މަގުގެ އެއް ލޭން ބަންދުކުރުމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ވަގުތު އެ ތަނަށް ދިޔަ ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިންކާރު ކުރުމުން ކަމަށެވެ.
އަދި އޭގެ ސަބަބުން އާންމުންނަށް ނުރައްކާތެރިކަމެއް ނެތި މަގުތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި މަގު ބޭނުންކުރަން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން އަމަލުކުރޭތޯ ކަށަވަރުކުރަން ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާ ކަމަށް ދައުލަތުން ބުނެއެވެ.
އެ ތިން މީހުންނަށް ވެސް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އަދި މި ދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.
ނަމަވެސް އެ އިހުތިޖާޖާއި ގުޅިގެން ޑްރައިވަރުންގެ ޖަމިއްޔާއިން މީގެ ކުރިން ބުނެފައި ވަނީ، ޓޯ ކުރި ގިނަ ކާރުތައް އިހްތިޖާޖުގައި ބައިވެރިނުވާ ކަމަށާއި އަދި ކާރު ހިފެހެއްޓި ސަބަބު ބައެއް ޑްރައިވަރުންނަށް ފުލުހުން ނާންގާ ކަމަށެވެ. ހަަމައެހެންމެ ޓެކްސީގެ ހިދުމަތް ދިނުމަށް ޑްރައިވަރުން ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަ ދީފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ވަނީ އޭރު ތުހުމަތުކޮށްފައެވެ.