ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ކޮރަޕްޝަނުގެ އިތުރު މައްސަަލަތަކެއްގެ މައުލޫމާތު ލިބިފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ހާމަކޮށްފިއެވެ.

ޕޮލްކޯ އިން ހަވާލުކޮށްގެން 'ބުލޫސް ހައުސިން' މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފާހަގަ ކުރެވި އެ މައްސަލަ އަންނަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުންނެވެ. އެ މައްސަަލަ ދިރާސާކުރަން އުފެއްދި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިހާރު ފުލުހެއްގެ މަގާމުގައި ހުންނެވި "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަަތަކެއްގެ މައުލޫމާތުތަކެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕޮލްކޯ އިން ކޮރަޕްޝަން ހިންގައިގެން އުޅެނީ ހަމައެކަނި ހައުސިން މަޝްރޫއުގައި ނޫން ކަމަށާއި އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމަށް ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ މައުލޫމާތުތައް ފޮނުވި ފަރާތާ ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ 2019 ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށާއި ސީޕީ ހަމީދުގެ ފަރާތުން އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަން ވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ސަބް ކޮމިޓީން ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ އެކަން ހިނގަމުންދިޔަ އިރު ފުލުހުންގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އޮފިސަރުންނާ މެދު އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ނިންމުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ކޮރަޕްޝަން ހިންގާފައި ވާކަން ފެންމަތިވި އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ތަފާތު 16 މައްސަލައެއްގެ ތެރޭގައި އެކި އެކި ގޮތްގޮތުން އެ އޮފިސަރުން ބައިވެރިވެފައި ހުރިކަން އެނގެން އޮތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ޕޮލްކޯ ފްލެޓްތަކުގެ މަޝްރޫއުގެ ކޮޕަރްޝަންގެ މައްސަލަ މަޖިލީހުން ދިރާސާ ކުރަމުން އަންނަ އިރު، އެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލު ކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް އެހެން ކުންފުނިތަކަކާވެސް ހަވާލުކުރިއެވެ.

މިދިޔަ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައިކަން އެނގެްެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައި ނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މަ މިޝަރޫއާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު މާލިއްޔަތު ކޮމިތީގައި ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، މަޝްރޫއުގެ ބިޑިން ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބެލުމަށް އޮޑިޓުގެ ސްކޯޕުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް 2013 ގައި ފެށި މި މަޝްރޫއާ ގުޅިގެން ޕޮލްކޯ މެނޭޖްމަންޓުން ބުނެފައި ވަނީ ސާވާ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ލިޔެކިޔުންތައް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ފެންނަން ނެތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ގެޒެޓްގައި ވެސް މި މަޝްރޫއަށް އިއުލާން ކޮށްފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިކަންކަން ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށި ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެކެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.