ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު މާލޭގައި ހުންނަ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓެކްސީ ލައިން ފެށުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ޓްރާނސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީއާ ދެމެދު މިއަދު ގާއިމު ކުރި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމެވެ.
ރާއްޖެއިން ބޭރުގައި ވެސް އާންމު ޓެކްސީ ހިދުމަތް ދޭ އޫބާ، ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށް ރާއްޖޭގައި މި ހިދުމަތް ދެމުން ގެންދާނީ އިލްކެޓްރިކް ވެހިކަލްގައި ކަމަށް ސަރުކާރުން ބުނެއެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން މި ހިދުމަތް ފަށާއިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެ ވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރާން ވަނީ ނިންމާފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވާފައެވެ.
ސަރުކާރުން ބުނެފައި ވަނީ، މި ހިދުމަތް އެމްޓީސީސީން ފެށި ނަމަވެސް އާންމު ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދައްޗެއް އަދި ހުރަހެއްވެސް ނޯންނާނެ ކަމަށާއި އެފަދަ ޓެކްސީ ދުއްވާ ފަރާތްތަކުން، ޕާޓްޓައިމް ވަގުތުގައި ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ ޓެކްސީ އެއް ދުއްވިދާނެ ކަމަށެވެ. އޭރުން އިތުރު އާމްދަނީއެއް ލިބޭނެ ކަމަށާއި، ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން އާންމު ޓެކްސީ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.