ތަފާތު ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފް އިން މިހާރު ކުރިއަށްގެންދާ ލީޑަޝިޕް އެންހޭންސްމެންޓު ޕްރޮގްރާމް، ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ފުރިހަމަ ކުރާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެގޮތުން މިހާރުވެސް މި ޕްރޮގްރާމް ސްޓެލްކޯގެ 668 މުވައްޒަފުން ފުރިހަމަ ކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރާއްޖޭގައި ހިނގާފައިވާ ކަންތައްތަކާއި ބައެއް އިވެންޓުތަކުގައި ސްޓެލްކޯގެ މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތައް ހިންގާފައިވާކަމަށާއި އެގޮތުން މޫދަށް ވެއްޓުނު ބައެއް ފަރާތްތަކުން ސަލާމަތް ކުރުމުގައި އެހީތެރިވެފައިވާކަމަށެވެ.

އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކުން ވައްކަން ކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރޮންޓް ކޮށްފަ. އަޅުގަނޑު ބަލާލިން މި ފަރާތްތަކަކީ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކޮށްފަ ތިބި ބައެއް ތޯ.
އެމްޑީ ފަހުމީ

ފަހުމީ ވިދާޅުވީ މި ހާދިސާތަކުގައި ހަރަކާތްތެރިވި ހުރިހާ މުވައްޒަފުންނަކީވެސް އެމްއެންޑީއެފްގެ ޓްރެއިނިން ފުރިހަމަކޮށްފައިވާ މުވައްޒަފުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ބޭސިކް ފަސްޓް އެއިޑާއި، ފަޔާ އެވެއާނެސް އަދި ފަޔާ ބްރިގޭޑް ކޯސްގެ އިތުރުން ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެއިތުރުން ސްވިމިން އެންޑް ރެސްކިއު އާއި، ލައިފް ކޯޗިންގެ އަދި ފަޔާ އެވަކުއޭޝަން ޑްރިލްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓެލްކޯގެ އެމްޑީ ފަހުމީއެވެ. އަދި ސިވެކްގެ ފަރާތުން ސޮއި ކޮށްފައިވަނީ ސިވެކްގެ އެމްޑީ އަހުމަދު ޒުބައިރު އެވެ.