ގާޒާގެ ސުލްހަ އާ އިޒްރޭލުން ހިލާފުވުމުން ރަހީނުން ދޫކޮށްލުން ހަމާސް އިން މަޑުޖައްސާލުމާއެކު ސުލްހައިގެ އެއްބަސްވުން ނިމުމަކަށް ގެންނަން ޓްރަމްޕް ގޮވާލައްވައިފިއެވެ.

ޓްރަމްޕް ގޮވާލެއްވީ، އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުގެ ހުރިހާ ރަހީނުން ހޮނިހިރު ދުވަހުގެ ނިޔަލަށް ދޫކޮށް ނުލައިފިނަމަ އެއްބަސްވުން ކެންސަލް ކުރުމަށެވެ.

ހަމާސް އިން ރަހީނުން ދޫކޮށްލުން މުއްދަތެއް ނެޔް ގޮތަށް މަޑުޖައްސާލީ، އިޒްރޭލުން އެއްބަސްވުމާ ހިލާފުވުމާއި އިޒްރޭލުން ފައިބަމުން ދާ ގާޒާގެ އުތުރުގެ ސަރަހައްދުތަކަށް ދާ ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑިޖެހުމާއި އެމީހުނަށް ދަތިކުރުމަށްޓަކައި ގޮވާތަކެތި ބޭނުން ކުރުން ފަދަ ޖަރީމާތާއް ހިންގަމުން ދާތީއެވެ. އަދި ގާޒާ އާރާސްތު ކުރުމަށްޓަކައި ބޭނުންވާ ބައެއް މެޝިނަރީޒްތައް ގާޒާއަށް ވަނުން އިޒްރޭލުން ހުއްޓުވުމާއި، ހާލުގައި ޖެހިފައި ވާ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

އަންނަ ހޮނިހިރު އިޒްރޭލުގެ 3 ރަހީނަކު ދޫކޮށްލަން ހަމަޖެހިފައި ވަނިކޮށް، ދިމާވި މި މައްސަލަތަކާ ހުރެ ހަމާސް އިން ރަހީނުން ދޫކޮށް މަޑުޖައްސާލުމާއެކު، ޓްރަމްޕް މި ދެއްކެވި ވާހަކައެއްގެ ސަބަބުން ނަތަންޔާހޫ އަށް ވަނީ އިތުރު ފޯރިއެއް އައިސްފައެވެ. އެއާއެކު އޭނާ ވަނީ، ގާޒާގައި ތިބި ޔަހޫދީ ސިފައިން ގަދަކޮށް ގާއިމުވެ ތިބުމަށް އަންގާ އިތުރު ސިފައިން ނެރެފައެވެ. އަދި ގާޒާގެ ވަށައިގެން އޮންނަ ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް އިތުރު ކުރަން ވެސް ވަނީ އަންގާފައެވެ.

ގާޒާގެ ރައްޔިތުންނަށް ދުނިޔެމަތީގެ 'ނަރަކަ' ދައްކާނެ ކަމަށް ބުނެ އިޒްރޭލުގެ މަސްއޫލުވެރިން ފެށި ހަނގުރާމައިގައި މިއަދާ ހަމައަށް އާދެވުނު އިރު، ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް ހުއްޓާލައި ދެފަރާތުން ގެންދަނީ ރަހީނުން ބަދަލު ކުރަމުންނެވެ. މި މަސައްކަތުގެ 5 ވަނަ ހަފްތާ ހިނގަމުން ދަނިކޮށް، ގާޒާ ގަނެ އެތަނުން ރައްޔިތުން ބޭރުކޮށް އަމިއްލަ ކުރާ ވާހަކަ އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ދެއްކެވި ހިސާބުން މަޝްރަހަށް ވަނީ ބަދަލުވެފައެވެ.