ހުޅުމާލޭގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ގދ، ފިޔޯރީ، ހީނާމާގެ، ރުސްތަމް އިބްރާހީމް(25) އަދި ބ.ގޮއިދޫ، ފިނިފެންމާގެ ސައިފްﷲ ފައިސަލް (19)އެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ރުސްތަމް އިބްރާހީމް 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި ސައިފްﷲ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން އިން މީހަކަށް ސައިކަލެއްގައި ދިޔަ ބަޔަކު ހަމަލާ ދީފައިވާ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 09 ވަނަ ދުވަހުއެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވާއިރު ފުލުހުން ބުނީ އެ މާރަމާރީ ހިންގާފައިވަނީ ކޯރާޑިއަކުން ކަމަށެވެ.

މި މާރާމާރީ ހިންގި ކަމަށް ތުހުމަދު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުން ހުއްޓުވާފައިވާއިރު، އެ ސަރަހައްދުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާ ކަމަށާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.