ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހާއްސަކޮށްގެން ފަށާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިންނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ރޯދަ މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް ފެށި ހާއްސަ ކެމްޕެއިނެކެވެ. ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދަކާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހަދިޔާ ކުރުމަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީން އެދިފައި ވެއެވެ.

އެޗްޑީސީ ކޯލް ސެންޓަރަށް ގުޅޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު 13:00 ގެ ނިޔަލަށެވެ. ހަމައެއާއެކު ހުކުރު ދުވަހު 15:00 އިން 18:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 14:00 އަށް ހިދުމަތް ލިބޭނެއެވެ. ތަކެތި ދޫކުރުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރުފަހު 15:00 އިން 18:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ 10:00 އިން ހަވީރު 18:00 އަށްވެސް ތަކެތި ދޫކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު ފެށި މި ކެމްޕެއިންނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައި ވަނީ އެފަދަ ތަޖެތި ބޭނުންވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގުރާމުގެ މަގްސަދަކީ، ރޯދަ މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށް ވެއެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.