ފޮރިން މިނިސްޓްރީގެ އިސް މަގާމްތަކެއްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު (ޗީފް ހަމީދު) އަލުން ހާރިޖީ ދާއިރާއާ ގުޅިވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި ޗީފް ހަމީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ހަމީދު ހާރިޖީ ދާއިރާއާ އަލުން ގުޅިވަޑަިއގެންފައި މި ވަނީ މި ދާއިރާއާ ދުރުގައި ހުންނަވާތާ 6 އަހަރު ފަހުންނެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ އިސް މަގާމުތަކެއް ފުރުއްވަމުން ވަޑައިގެން ހަމީދު ވަނީ، 1991 ވަނަ އަހަރުގެ ޖޫން މަހު ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ފޮރިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. 2006 ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ހުންނެވިއެވެ. އެއަށްފަހު ޑިސެމްބަރު 7، 2006 އިން އޮގަސްޓް 13، 2008 އަށް ޑެޕިއުޓީ މިނިސްޓަރުކަމާއި ފަހުން އޮގަސްޓް 14، 2008 އިން ފެށިގެން މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު އޭނާ ފުރުއްވާފައި ވެއެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމުން އިސްތިއުފާ ދެއްވަންދެން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމުގައެވެ.
2010 ވަނަ އަހަރު ރާއްޖޭގައި ހުންނަވާ ރިޕަބްލިކް އޮފް ސީޝެލްސްގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ހަމީދު ހަމަޖެއްސެވި އިރު، 2013 ވަނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ހަމީދު އައްޔަން ކުރުމާ ހަމައަށް އެ މަގާމުގައި އޭނާ ހުންނެވިއެވެ.
އަދި މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ކުވައިތު ސްޓޭޓަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ހަމީދު ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.