ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ، މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރުއެވެ.
އެޗްޑީސީ އިން ބުނީ، މި އިސްރަށްވެހިންގެ ނާދީގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުން ކަމަށެވެ. އެގޮތުން މިއަދު ހުޅުވި ނާދީ ތަރައްގީކޮށްފައި ވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމަށް ވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އެ މަޒުކަޒު ފަރުމާ ކޮށްފައި ވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނިކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި އޭގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރި އާއި، ނަމާދު ކޮޓަރި އަދި ބަދިގެވެސް އެ ނާޑީގައި ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން އިރުއޮއްސި 18:00 އަށެވެ. މިއީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހިންގުމަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ. މި ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.