ރާއްޖޭގެ ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސްރޭ ލީކްކޮށްލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިއްޔެ ފޭސްބުކް ޕޭޖެއްގައި، މީހެއްގެ ހަށިގަނޑުގެ ތެރޭގައި ބޮޑީ ސްޕްރޭ ފުޅިއެއް އޮތް ހަބަރާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިގެން ދިޔައެވެ. އަދި އެ ބޮޑީ ސްޕްރޭ ފުޅި ފެންނަން އޮތް އެކްސް-ރޭ ފޮޓޯއެއް ލީކުވެފައި ވާއިރު، އެމީހާގެ ވަނަވަރުވެސް ވަނީ ލީކުކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ބަލިމީހާގެ ޒާތީ މައުލޫމާތު އާންމުވެފައި ވަނީ އޭނާ ފަރުވާ ހޯދި، ހުޅުމާލެ ހޮސްޕިޓަލުންނެވެ.
މިއީ ސިއްހީ ދާއިރާގެ އުސޫލުތަކާ ހިލާފަށް ހިނގާފައިވާ އަމަލެއްކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ބަލި މީހެއްގެ މައުލޫމާތު އާންމު ކުރި މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށްވެސް ވަނީ ގޮވަލާފައެވެ. އަދި މި ހަދިސާއާ ގުޅިގެން ހޮސްޕިޓަލަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު ހެލްތް މނިސްޓްރީން ވަނީ ހޮސްޕިޓަލަށް އަމާޒުވާ އެ ތުހުމަތު މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. ނަމަވެސް މި ތުހުމަތު އަމާޒުވަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ބަލި މީހުންގެ ޒާތީ މައުލޫމާތު އާންމުވަ މައްސަލަތައް ފެންމަތިވެފައިވާއިރު، ޑޮކްޓަރުންގެ އިހުމާލުން ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ މައްސަލަތައްވެސް ފެންމަތިވެފައެވެ. އަދި މިފަދަ މައްސަލަތައް ހެލްތު މިނިސްޓްރީން ބެލި ނަމަވެސް އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.