އައްޑޫ ސިޓީ ފޭދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން އިއުލާންކޮށްފިއެވެ.

އްޑޫ ސިޓީގައި "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރުމަށް ނިންމަވާ، އެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. މިއީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ބިނާކުރާ ތަނެކެވެ.

އަތޮޅުތަކުގައި އަޅާ މީގެ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީ ފޭދޫގައި އެޅުމަށް، ވަޒީރުންގެ ލަފާފުޅާއެކު މިނިސްޓަރު ނިންމަވާފައިވާއިރު، "އިސްރަށްވެހިންގެ ހިޔާވަހި" ފެދޫގައި އެޅުމަށް މިނިސްޓަރީން ހުޅުވާލާފައިވަނީ، ޑިޒައިން، ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕަޓްނާޝިޕް މޮޑެލަށެވެ. ދައުލަތުން ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓަރީ ކުރުމަށް ވަނި ހުޅުވާލާފައެވެ.

ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށަ އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.