މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުންނަށް 'މޯލްޑިވިއަން ނައިޓް' ގެ ނަމުގައި އިވެންޓްއެއް ބާއްވައިފިއެވެ.

އިންޑިއާގެ ފޯ ސީޒަންސް ހޮޓެލް މުމްބާއީގައިމި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ. އެމްއެމްޕީއާރްސީން ބުނީ މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިން މަސައްކަތްތަކެއް ފަށާފައިވާކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އެގޮތުން ކުރިއަށް ހިނގަމުންދާ ސަމާ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއާލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބޮމްބޭގައި އެމްއެމްޕީއާރުސީން ބޭއްވި އިވެންޓްގެ ތެރެއިން

'މޯލްޑިވިއަން ނައިޓް' ގައި އެތައް މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ގެ ބައިވެރިވުން ފެނިގެންދިޔަކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ފަރާހް ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މާޗަންޓް، އަދި މިނޫންވެސް އެތައް ބައެއް ހިމެނެއެވެ.

މި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ފޯރުން 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާ ހަމައަށް އަރާފައިވާކަން ފާހަގަކޮށް އެމްއެމްޕީއަރްސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއަށް އިންޑިއާގައި މި މަންޒިލް ޕްރޮމޯޓްކުރުމަށް ވަރަށް ބާރުގަދަ ޕްލެޓްފޯމްއެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށެވެ. މީގެ އިތުރުން، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ބައެއްގެ ގޮތުގައި މި އިންފްލުއެންސަރުންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

ބޮމްބޭގައި އެމްއެމްޕީއާރުސީން ބޭއްވި އިވެންޓްގެ ތެރެއިން

އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމާއެކު، މި މަސައްކަތަކީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާގެ ފަތުރުވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މަޝްހޫރު މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ ނުފޫޒު ބޭނުންކޮށްގެން، ވިޒިޓް މޯލްޑިވްސްއިން ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްދިނުންކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް އިން ވަނީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ފާހަގަކޮށް، ލަގްޒަރީ ފަތުރުވެރިންނާއި ހަނީމޫންއަށް ދަތުރުކުރާ މީހުންނާއި އާއިލާތަކާއި އެޑްވެންޗާއަށް ލޯބިކުރާ ފަރާތްތަކަށް އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ދައްކާލާފައިވާކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

"އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓަކަށް ވުމުން އިންޑިއާގެ އިންފްލުއެންސަރުންނާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއެކު ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ތެރެއިން އަޅުގަނޑުމެންގެ އައުޓްރީޗް އިތުރަށް ވަރުގަދަކުރުމާމެދު އަޅުގަނޑުމެން ވަރަށް ޝައުގުވެރިވަން. މުންބާއީގައި ބޭއްވި 'މޯލްޑިވިއަން ނައިޓް' އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި 2025 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެކަމާމެދު އަޅުގަނޑުމެނަށް ޔަޤީންކަން އެބަ އޮތް" ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

އިތުރަށް އެމްއެމްޕީއާރްސީން ބުނީ ދިވެހިރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވަމުންދާއިރު، ވިޒިޓް މޯލްޑިވްސްއިން ދަނީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓުމަށްޓަކައި، ހާއްސަ ތަޖުރިބާތަކެއް ފަރުމާކުރުމަށާއި އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށެވެ.