ނިމިދިޔަ ޖެނުއަރީ މަހު ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް 8324 މެޓްރިކް ޓަނުގެ މަސްކިރައިފިއެވެ.

ފިޝެރީސް މިނިސްޓްރީ އިން ބުނީ މިއީ ރެކޯޑު އަދަދެއްކަމަށާއި އެގޮތުން 1997 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހެއްގައި އެންމެ ގިނަ މަސްކިރާފައިވަނީ މިދިޔަ މަހު ކަމަށެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ 28 އަހަރު ތެރޭ ޖެނުއަރީގައި އެންމެ ގިނައިން މަސްކިރި އަދަދު ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޖެނުއަރީ މަހު މިފްކޯއަށް މަސް ކިރި ދޯނިތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކައެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މިއިީ މިފްކޯއަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު 79 އުޅަނދަކުން ކިރި މަހަށް 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.

މީގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މުޒާހަރާ ކޮށްފައިވާ އިރު ސަރުކާރުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ (ޑިސެމްބަރު 10) މަސްވެރިންގެ ދުވަހުން ފެށިގެން މިފްކޯއަށް މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ކުރީ ސަރުކާރު ނިމުނު އިރު، މަސްވެރިންނަށް ފައިސާ ނުދީ، 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގެއް އޮތް އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ފައިސާ މަސްވެރިންނަށްފީ ހަލާސްކޮށްފައެވެ.