ހުޅުމާލޭގައި ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލް ހުއްޓުވާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފެބްރުއަރީ 7 ވަނަ ދުވަހު ”ޕޮންގަލް 2025“ ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވާނެ ކަމަށެވެ. އަދި އެ ފެސްޓިވަލް ކެންސަލް ކޮށްފައި ވާކަމަށް، ފެސްޓިވަލް އިންތިޒާމު ކުރި ފަރާތުން އަންގާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ކަމަށެވެ.

ޕޮންގަލް ފެސްޓިވަލް އަކީ ހިންދީ ދީނުގައި، އެމީހުން ގަބޫލުކުރާ އިރުކަލާނގެއަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަކޮށްއުޅޭ ދުވަސްތަކެއް ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ބުނެފައެވެ.

އިންޑިއާގެ ތަމަޅައިންނަށް ހާއްސަ ޕޮންގަލް ފެސްޓިވަލަކީ، މޫސުމީ ގޮތުން ދަނޑުވެރިކަމާއި ނައަމްސޫފިން އެންމެ ރަނގަޅަށް ލިބޭ ދުވަސްވަރު ފާހަގަ ކުރާ އީދެކެވެ. އެ އީދުގައި މޫސުން ރަނގަޅުވެ ރަނގަޅަށް އަވިދޭތީ އިރަށް އަޅުކަން ކުރުންވެސް ހިމެނެއެވެ.

މިއީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިން ބުނެފައި ވާއިރު، މި އެވެންޓު ބާއްވަން އުޅުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.