އަރިއަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު ގެ ސަރަހައްދުގެ ނަން 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) އަށް ބަދަލުކޮށް ފެބްރުއަރީ 1، 2025 އިންފެށިގެން މި ސަރަހައްދު މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ޖޫން 5، 2009 ގައެވެ.
މިނިސްޓްރީން ބުނީ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އެކުލަވާލާފައިވާއިރު މި ޕްލޭނަކީ އެ ސަރަހައްދުގައި ކުރުން ހުއްދަކަންކަން ކުރުމުގެ އުސޫލުކަނޑައެޅުމަށް، ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލާފައިވާ ޕްލޭންއެއް ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ސަންޕާ ސަރަހައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން މި ސަރަހައްދަށް ގިނައިން ޕްލޭންކްޓަން ޖަމާވާކަމަށެވެ. މީގެ ސަބަބުން މި ސަރަހައްދަށް އައިޔޫސީއެން ރެޑް ލިސްޓް އޮފް ސްޕީޝީސްގައި ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާހޯދުމަށާއި އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް (ތާމޯރެގިއުލޭޝަން) ތިލަވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ވަކި މޫސުމެއްނެތި ފެހުރިހި މި ސަރަހައްދަށް އެއްވެ އުޅުމުގެ ސަބަބުން ފެހުރިހި ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މީހުން މި މިސަރަހައްދަށް ޒިޔާރަތްކުރާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން ދުވާލަކު އެތައް ބަޔަކު މި ސަރަހައްދަށް ސްނޯކަލް ކުރުމާއި ޑައިވް ކުރުމަށް ހަރަކާތްތެރިވުމުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ގިނަ ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ސަރަހައްދުގެ ފެހުރިހީގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓު ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީއިން އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނަކީ މި ސަރަހައްދުގެ ބޭނުންހިފަމުންދާ ފަތުރުވެރިންނާއި މި ސަރަހައްދުގެ ދިރުންތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށް، މި ނާޒުކު މާހައުލު ހިމާޔަތްކޮށް ދެމެހެއްޓެނިވޮގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގައި ހިމާޔަތްކުރުމާއި ބެހޭ އިއުލާނުގައި މި ސަރަހައްދުގައި ކުރުން މަނާ ކަންކަމާއި މި ސަރަހައްދުގައި ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަންވެސް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ސަރަހައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި:
- މި ސަރަހައްދުގެ މާހައުލަށް ނޭދެވޭ ބަދަލެއް އަތުވެދާނެ ކަންކަން
- މި ސަރަހައްދުގެ ދިރުންތަކަށް ގޯނާވާނެފަދަ އެންމެހާ ކަންކަން
މީގެ އިތުރުން މެނޭޖްމަންޓް ޕްލޭންގައި މި ސަރަހައްދުގެ ބަލަހައްޓާނެ ގޮތާއި، މި ސަރަހައްދު ބޭނުންކުރާ ފަރާތްތައް އަމަލުކުރަންޖެހޭ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވާނެއެވެ. މި ގޮތުން މެނޭޖްކުރެވޭ މައިގަނޑު ކަންކަމަކީ:
- މި ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތައް: މެނޭޖްމަންޓް ޕްލޭން ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގައި މި ސަރަހައްދުގައި ސްނޯކަލް އަދި ޑައިވް ކުރާ އުޅަނދުތައް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ވަން ގަވް މެދުވެރިކޮށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގައި އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްވަނީ ހުޅުވާލާފައެވެ.
- ސްޕީޑް ބޯޓުތަކުގައި މި ޕްލޭންއަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ޕްރޮޕެލާ ގާޑު ހަރުކުރަންވާނެއެވެ. އަދި އެހެނިހެން އުޅަނދުތަކުން މި ޕްލޭންއަށް އަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި ޕްރޮޕެލާ ގާޑު ހަރުކުރަންވާނެއެވެ.
- އުޅަނދުތައް މި ސަރަހައްދުގައި ހަރަކާތްތެރިވާއިރު އުޅަނދުގެ ބާރުމިން ބަހައްޓަންޖެހޭ މިންވަރު
1- ސަންޕާ މުޅި ސަރަހައްދު ގަޑިއަކު 10 ނޮޓް
2- ފެހުރިހިފަދަ ދިރުންތައް ވަށައިގެން، 250 މީޓަރު / ކޮންޓެކްޓް ޒޯން ގަޑިއަކު 5 ނޮޓް
3- ފެހުރިހި ފަދަ ބޮޑެތި ދިރުންތައް ވަށައިގެން 50 މީޓަރު ގަޑިއަކު 2 ނޮޓް
4- ފެހުރިހި 15 މީޓަރަށް ވުރެ ކައިރިވުމުން އުޅަނދުގެ ގިޔަރު ނިއުޓްރަލްއަށް ލާންވާނެއެވެ.
ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިނާއި ފަރުތުވެރިން އެ ސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ 'ސަންޕާ ގައިޑުން'ނާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލު ކުރަންޖެހޭ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރާތާ 3 މަސްދުވަހުގެ ފަހުން މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓްރީން ބުނީ 3 މަސްދުވަހުގެ ތެރޭގައި މައުލޫމާތު ދިނުމާއި ސެޓްފިކެޓްގެ އިމްތިހާން ހެދުމުގެ މަސައްކަތް މިނިސްޓްރީ އާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.
މިނިސްްޓްރީން ބުނީ މި މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވަނީ 2024 ޖުލައި މަހުން ފެށިގެން ބޭއްވުނު އެކި މަޝްވަރާ ބައްދަލުވުމުގެ މައްޗަށް ބިނާކޮށް ކަމަށާއި މި ގޮތުން 8 ބައްދަލުވުމެއްގައި 300 އަށްވުރެ ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ފަރާތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ އެޑްވައިސަރީ ކޮމިޓީގެ ލަފާގެ މަތިންކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ގިނަ އުސޫލުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ މަސައްކަތް ފެށިގެންދާއިރު މި ކަންތައްތަކަށް އާންމުންނާއި އަދި ހާއްސަކޮށް މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް މި އުސޫލުތައްކަށް ފަރިތަވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
މިގޮތުން މިނިސްޓްރީ އާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި ގުޅިގެން މި ޕްލޭނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު މި އުސޫލުތަކަކީ ފެހުރިހި ބެލުމަށް މޫދަށް ފައިބާ މީހާއާއި އެމީހާ ބެލުމަށްފައިބާ ފެހުރިހީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިއްމު މަސައްކަތެއްކަން ވަނީ ފާހަގަކޮށްފައެވެ.