މާފަންނު ގެއެއްގައި އަލިފާން ރޯވެ އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޖީދީމަގު ވީބީ ގޯޅި ތެރެއެއްގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ބުނީ، މ. ވީނަސްގޭގެ ހަތް ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެ އަލިފާންގަނޑު ފެތުރުނަ ނުދީ ނިއްވާލާފައިވާ ކަމަށެވެ.
މިއަދު 13:38 އެހާއިރު ރިޕޯޓު ލިބުނު މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވާއިރު މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ.
މިދިޔަ ޖެނުއަރީ މަހުވެސް ވަނީ މަޖީދީމަގުގައި ހުންނަ ރުޓް ޓްރީ އެޕަލް ނަމަކަށް ކިޔާ ފިހާރައެއްގެ ގުދަނުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފަތިހުގެ ވަގުތު ހިނގި އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެ ފިހާރައަށް ވަނީ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައެވެ.