އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އިންތިޒާމުކޮށްގެން ރޭ ކުރިއަށް ގެންދިޔަ ބޮޑު އެއްވުމަށް ފުރުސަތު ދިނުމުން އާންމުން ތައުރީފް ކުރަން ފަށައިފިއެވެ.

"ފުދިއްޖެ"، "ފުނޑިއްޖެ" ނަމުގައި އިދިކޮޅުން ހިނގާލުން ފަށާފައި ވަނީ ރޭ 08:00 ހާއިރު އާޓިފިޝަލް ބީޗުންނެވެ. އަދި މުޒާހަރާ ނިންމާލާފައިވަނީ 23:30 އެހާއިރު އެވެ. ބޮޑުތަކުރުފާނުގެ މަގާއި އަމީނީ މަގުގައި ކުރިއަށް ގެންދިޔަ މި ބޮޑު ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައި ނުވާއިރު ފެނިގެންދިޔައީ ހިނގާލުމުގެ ބައިވެރިންގެ އިތުރުން މަގުމަތީގައި ދަތުރުފަތުރު ކުރާ އާންމުންނަށް ދަތިވިޔަ ނުދީ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ.

މާލެ އާއި އަތޮޅުތަކުންވެސް މީހުން އެއްވެ ކުރިއަށްގެންދިޔަ މި ބޮޑު ހިނގާލުމަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އިދިކޮޅުން ކުރިއަށްގެންދިޔަ އެންމެ ވަރުގަދަ ހަރަކާތައްވާއިރު މި ހިނގާލުމުގައި އެމްޑީޕީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުންނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ބޮޑު ހިނގާލުމުގައި ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވާޙަކަ ދައްކަވަނީ

އެމްޑީޕީގެ ދިދައާއި އެކި އެކި ޝިއާރު އެކުލެވޭ ބޯޑުތައް ހިފައިގެން ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ގޮވި ނަމަވެސް އިދިކޮޅުން ވެސް އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވެއެވެ. މިއީ މިފަދަ ބޮޑެތި އެއްވުންތަކުގައި ފުލުހުންނާއި ސަރުކާރުންވެސް ކަންކަން ކުރަމުން އައި ގޮތާ މުޅިން ހިލާފު ގޮތެއް ކަމަށް ގިނަ އާންމުން ދަނީ ސިފަ ކުރަމުންނެވެ.

އެގޮތުން ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އޭރުގެ އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ މެންބަރުން މަގުމައްޗަށް ނުކުމެ ހިޔާލު ފާޅުކުރަމުން ދަނިކޮށް ފުލުހުން ވަނީ އެ އެއްވުންތައް ރޫޅާލާ މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައެވެ. އަދި ޕެޕާ ސްޕްރޭ އާއި މުގުރު ފަދަ ބާރުތައް އޭރު ފުލުހުން ބޭނުން ކޮށްފައި ވެއެވެ.

ނަމަވެސް އެއާއި މުޅިން ހިލާފަށް ރޭ ފެނިގެންދިޔަ މަންޒަރު ތަފާތުކަން ފާހަގަކޮށް ގިނަ އާންމުން ދަނީ ސަރުކާރަށާއި ހޯމް މިނިސްޓަރު އިހުސާނަށް ތައުރީފްކޮށް، ސަރުކާރުން ރޭ ދެއްކީ ރީތި މިސާލެއް ކަމަށް ސިފަ ކުރަމުންނެވެ. އަދި ރޭގެ މުޒާހަރާ ނިންމާލުމާއެކު ރައީސް އޮފީހުގެ ތަރުޖަމާޏު ހީނާ ވަލީދު ވެސް ވަނީ މި ސަރުކާރަކީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުތަކަށް ގަދަރު ކުރާނެ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

ރޭގެ މުޒާހަރާ ކުރިއަށްގެންގޮސްފައި ވަނީ ގާނޫނު އަސާސީ ބަދަލު ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓާތީ އާއި ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާތީ އާއި އެ ނޫން ވެސް ބައެއް ހުދުމުހުތާރު ކަންކަން ސަރުކާރުން ކުރަމުންދާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.