ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއޫ' ގެ ނަމުގައި ހިންގި ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ހައުސިން މަޝްރޫގައި ބޮޑެތި ހިޔާނާތްތަކެއް ވާކަމަށާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވުމުން، މި ތުހުމަތު ދިރާސާކޮށް ކޮރަޕްޝަނާ ގުޅުންހުރި ކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ އޮޑިޓް އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް ފުލުހުންގެ މުއައްސަސާއިން އަމަލުކުރާނެ ކަމަށާއި އެ ރިޕޯޓް ދިރާސާކުރުމަށް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޔުނިޓާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ރިޕޯޓް ދިރާސާކުރުމަށް ފަހު ކޮރަޕްޝަނާ ގުޅުންހުރި ކަންކަން ބެލުމަށް އޭސީސީއަށް ހުށަހަޅާނެ
ކޮމިޝަނަރު ޝުޖާއު

2013 ވަނަ އަހަރުގެ ޖޫން 23 ގައި ފެށި މި މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އަކަ ފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫގެ ދެގުނަ އަގު ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށް ފިނޭންސް މިނިސްޓްރީ އާއި ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރޭޓަށް ބަލާއިރު މި މަޝްރޫއުގެ އަސްލު އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާ ނުވަތަ އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުވެފައިވާކަމަށާއި، މިކަމުން ހާމަވަނީ ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިންގާފައިވާ ކަން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫގެ މުއާމަލާތްތަކުގައި ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށާއި، ހައުސިން މަޝްރޫއުތައް ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯއިން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި އެކަމާ ގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔުމަށެވެ.