ސްކޭމް ކުރުމަށް ސްކޭމަރުން އަނެއްކާވެސް އާ އުކުޅެއް ގެންގުޅެން ފަށައިފިއެވެ.
އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކޮށް ފައިސާ ފޭރުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް އާންމު ވަމުންދާ ބޮޑު މައްސަލައެކެވެ. މިފަދައިން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ވަގުންގެ އުކުޅުތައް މޮޅެވެ. މި އުކުޅުތަކާ ގުޅިގެން ފުލުހުން މިއަދު ބުނީ، އޯޓީޕީ އޮތަންޓިކޭޝަންއަކީ އެކައުންޓުގެ ސެކިއުރިޓީއަށް މުހިންމު ފީޗާއަކަށްވާއިރު، އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް މިހާރު ތައާރަފްވެފައިވާ ކަމަށެވެ.
އެގޮތުން މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑަކަށްވާއިރު އަނެއްބަޔަކު ދެކޭގޮތުގައި މި ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެގެންދާނެ އެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތައާރަފުވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމާ އޮތަންޓިކޭޝަން މިހާރު ބަދަލުވަމުންދާކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ ގިނަ ފަރާތްތަކަށް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ނޭނގޭ ކަމަށެވެ.
އޭގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފްލޭޝް ކޯލްސްއަކީ ކޮބާ؟
ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ. މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.
ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.
ޓެކްނޮލޮޖީއަށް މިއައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް ވާންޖެހޭކަން ފާހަގަކޮށް ފުލުހުން ބުނީ، އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށެވެ.
އަދި ހަމައެހެންމެ ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިމާގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެން ވެސް ހެދުމަށް ފަރުދީ ހައިސިއްޔަތުން މަސައްކަތްކުރުމަށް ފުލުހުން އެދިފައި ވެއެވެ.
އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އުސޫލުން ކުށްވެރިޔާ އަށް ދޭންވާ އަދަބު ދެވޭނަމަ ތިޔަ ކަހަލަ މައްސަލަ ފެންމަތި ނުވާނެ.