ހުޅުމާލޭގައި ޖާހު ކުންފުނިން ތަރައްގީކުރަން ފެށި، ނަމަވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ 'ދަ ގާޑަންސް' ފްލެޓްތަކުގެ މަސައްކަތް 45 ދުވަހުގެ ތެރޭ ނިންމުމަށް އެޗްޑީސީން ފަހު ފުރުސަތު ދީފިއެވެ.
އެޗްޑީސީން ބުނީ، 2017 ވަނަ އަހަރު ޖާހު ކުންފުންޏާ ހަވާލުކުރި 'ދަ ގާޑަންސް' ފްލެޓްތައް ނިންމުމަށް އެކި ފަހަރު މަތިން ޖާހު ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ކުންފުނިން ފްލެޓްތައް ނިންމާފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް އެޗްޑީސީގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެ ނޯޓިހުގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ ތެރޭ ޖާހު ކުންފުނީގެ ފަރާތުން ފްލެޓްތައް ނުނިންމައިފިނަމަ އެއްބަސްވުން ބާތިލްކޮށް އެ ކުންފުނީގެ އަތުން މި މަޝްރޫއު ނެގުމަށް ވެސް ބޯޑުން ނިންމި ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
ޖާހު ކުންފުންޏާ ދެކޮޅަށް އެޗްޑީސީން މި ފިޔަވަޅު އެޅީ އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ މަޝްރޫއުން ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓްތައް ވީ އެންމެ އަވަހކަށް ހަވާލުކުރެވޭނެ މަގު ފަހިކުރުމަށެވެ.
ޖާހު ކުންފުނީގެ 'ދަ ގާޑަންސް' އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން ދާ ތަނެކެވެ. އެކަމަކު އެ ފްލެޓްތައް ހަތް އަހަރުވީ އިރު ވެސް ނުނިމޭތީ އެ ތަނުން ފްލެޓްތައް ގަތް މީހުންގެ ކަންބޮޑުވުން އެބަހުއްޓެވެ.
އޮކްޓޯބަރު 2023 ގައި އެޗްޑީސީން އޭރު ބުނީ، ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފަންގިފިލާއިން ތިރީގެ ހުރިހާ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށާއި، އެ އިމާރާތުގެ މަސައްކަތް ހަ މަހުގެ ތެރޭ ފުރިހަމަކުރެވޭނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފްލެޓްތަކުގެ މަސައްކަތެއް އަދި ނުނިމެއެވެ.
މި މައްސަލައިގައި ފްލެޓްތަކުގެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ޝުނާނާ އެންޑް ކޯ އިން ވަނީ މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.