ތިނަދޫ ސިޓީ ކައުންސިލާއި ގުޅިގެން ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ސިޓީ ކައުންސިލުން އެއްބާރުލުން ދެމުން ނުދާކަމަށް އެންޓ-ިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފިއެވެ،
އޭސީސީއިން ބުނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ކޮމިޝަނަށް ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ޖެނުއަރީ 26، 2025 ގައި އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ކައުންސިލުގައި ހަރަކާތްތެރިވެފައިވާކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތްކޮށްފައިވާއިރު މިކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.
އެހެންނަމަވެސ،ް ގާނޫނު އަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެ ކޮމިޝަނުގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭސީސީން ވަނީ އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ހިލާފު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ހާމަކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.
ތިނަދޫ ކައުންސިލުން ހިންގާ ރަސްމީ ފޭސްބުކް ޕޭޖުގައި އެ ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފައިވާކަމަށް ބުނެ ޕޯސްޓެއްކޮށްފައެވެ. އަދި މި މައްސަލަ ފުލުހަށްވެސް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.