2023 ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗު ދުއްވަން ތިބި ދެ މީހުންނަށް ދައުވާ ކޮށްދިނުމަށް އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.

"ސަސް އީ ސްޕީޑް" ނަމަކަށް ލިޔުނު ލޯންޗަކާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ޖެހި ހިނގި އެކްސިޑެންޓުގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި ފަރާތެއް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާއި ގުޅިގެން ދައުވާ ކޮށްދިނުމަށް ފުލުހުން އެދިފައިވަނީ:

  • މުހައްމަދު ޖަމީލް، ގްރީންހައުސް، ހދ. ނޮޅިވަރަން (43އ)
  • ޔާނިސް ހަމީދު، ހީނާވިލާ، ކ. ކާށިދޫ (35އ)

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމާ އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ފޮނުވީ ޖޫން، 2023 ގައި ކަމަށާއި ނަމަވެސް އެ މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމުން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.