ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ދެ ބޭހެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އަލުން ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެފްޑީއޭ އިން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކުރީ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި މެލޭޝިޔާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މާކެޓުން ލިބެން ހުރި އެ ދެ ބޭހުގެ ބެޗުތައް ޓެސްޓުކޮށް ބަލަން ޖެހޭ ކަންކަން ބަލައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ މިހާރު ދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދެ ބޭސް އިމްޕޯޓް ކުރާއިރު ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެނަލައިސިސް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އިތުރަށް އެތޯރިޓީން ބުނީ އެ ރިޕޯޓަކީ ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހަދާފައިވާ ޓެސްޓަކަށް ވާން ޖެހޭނެ ކަމަށެވެ.