އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމިއްޔާއެއް އެކްޓިވް ކުރުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީ އިން ބުނެފިއެވެ.

ޔޫތް މިނިސްޓްރީ އިން ބުނީ ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތައް އެކްޓިވް ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށާއި، މި ފުރުސަތު 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް ލިބިގެން ދާނެ ކަމަށެވެ.

ޔޫތް މިނިސްޓްރީ އިން އިތުރަށް ބުނީ މި މުއްދަތުގެ ތެރޭގައި ޖަމިއްޔާ އެކްޓިވް ނުކޮށްފިނަމަ ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން އެ ޖަމިއްޔާއެއް އުވާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ޔޫތް މިނިސްޓްރީ އިން ވަނީ ޖަމިއްޔާއެއް އެކްޓިވް ކުރުމަށް ބޭނުންވާ ލިޔެކިއުންތައް ޔޫތް މިނިސްޓްރީގެ އީމެއިލްއަށް ފޮނުވުމަށް އެދިފައެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 4000488 ނުވަތަ 4000497 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް ޔޫތް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ވަނީ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ޖުމްލަ 16 ޖަމްއިއްޔާއަކަށް ގްރާންޓް ދިނުމަށްވެސް ނިންމާފައެވެ. މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީދިނުމަށް ނިންމާ އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި،މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށްކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ މަދަނީ ޖަމްއިއްޔާތަކަށް އެހީދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރުފުޅާކުރުން ކަމަށެވެ.