ދަ ޑިމޮކްރެޓްސްގެ ހުސްވެފައިވާ އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ އެ ޕާޓިގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން މި ނިންމުން ނިންމާފައި ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ 12 ވަނަ ބައްދަލުވުމުގައެވެ.
މިއަދު އެ ޕާޓީން ކުރި އިއުލާންގައި ބުނީ، އެ މަގާމުތަކަަށް ވާދަކުރުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އެ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހެޅޭނެ ކަމަށެވެ. އެ ގޮތުން ޕާސްޕޯތް ސައިޒްގެ ފޮޓޯއަކާއޮ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ޕާޓީން ބުނެއެވެ.
މި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
އަދި އެއާއެކު މި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ދާއިމީ ލިސްޓު އިއުލާން ކުރާނީ މި މަހުގެ 27 ވަނަ ދުވުހު ކަމަށް އެ ޕާޓީން ބުނެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކެއް އެ ޕާޓީން އިސްތިއުފާ ދެއްވައި ވަނީ ކުރިން އެ ބޭފުޅުން މަސައްކަތް ކުރެއްވި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމްއެވެ
ޑިމޮކްރެޓްސް އިން މި ބޭފުޅުން ވަކިވެވަޑައިގަތުމުން އެ ޕާޓީން ބުނެފައި ވަނީ، ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށާއި ސީޔާސީ މަސައްކަތުގައި ކުރިއަށް ދާ އިރު، ހިޔާލު ތަފާތުވާ ހާލަތްތައް އައުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި ޑިމޮކްރެޓްސްގައި ބޭފުޅުން ތިއްބެވި އިރު ކޮށްދެއްވި މަސައްކަތައް ޑިމޮކްރެތްސް އިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.