ނުނިމި ދިގުލައިގެން ގޮސްފައިވާ ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.
ޖާހު ކުންފުނީގެ 'ދަ ގާޑަންސް' ފްލެޓްތަކުގެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ޝުނާނާ އެންޑް ކޯ އިން ރައީސަށް ފޮނުވި ސިޓީގައި ބުނީ، އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އާންމުންނަށް ގެއްލުން ނުވާނެ ހެން ކުރިއަށް ގެންދިއުމަކީ އެ ކޯޕަރޭޝަންގެ ޒިންމާއެއް ކަމަށެވެ.
އެކަމަކު ފްލެޓްތައް ހަވާލުކުރަން ޖެހޭ މުއްދަތުގައި ފްލެޓްތައް ހަވާލުނުކުުރުމަކީ އާންމުންނަށް ގެއްލުން ވާނެ ކަމެއް ކަމުގައި ޝުނާނާ އެންޑް ކޯ ގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެ ސިޓީގައި ފާހަގަކުރި ބައެއް ކަންކަމަކީ:
- މިފަދަ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުން މަޝްރޫއުތައް މުއްދަތުގައި ނިންމާފައި ނެތް ނަމަ، އެއްބަސްވުން ބާތިލްކޮށް މަޝްރޫއުތައް ނިންމުމަށް އެހެން ކުންފުންޏަކާ ހަވާލުކުރެވޭނެ ކަން
- އެއްބަސްވުން ބާތިލްކުރުމުން އެޗްޑީސީއަށް ލިބޭ ގެއްލުމަށް ހަވާލުކުރި ކުންފުނިން ޒިންމާވާން ޖެހޭނެ ކަން
"އެޗްޑީސީ އާއި ރިއަލް އެސްޓޭޓް ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ރައްޔިތުންނަށް އެ ހައުސިން ޕްރޮޖެކްޓްތަކުން ލިބޭ ގެއްލުން ސަލާމަތްކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާއިރު، އެއާ ހިލާފަށް އެއްބަސްވުން ބާތިލްކުރުމެއްނެތި ތަކުރާރުކޮށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަމުން ގޮސްފައިވެއެވެ." ސިޓީގައި ބުނެފައިވެއެވެ.
"މިފަދަ ބައެއް ހައުސިން ޕްރޮޖެކްޓްތަކުގެ ދަށުން އަޅަން ޖެހޭ ފްލެޓްތައް ނިންމުމެއް ނެތި 7 އަހަރު ދުވަސްވާން ކައިރިވެފައިވާ ޕްރޮޖެކްޓްތައް ވެސް އަދިވެސް އެޗްޑީސީން ދަނީ މުއްދަތު އިތުރުކުރަމުންނެވެ."
ޝުނާނާ އެންޑް ކޯ ގެ ސިޓީގައި އިތުރަށް ބުނީ، ފްލެޓްތައް ނިންމުމަށް މިގޮތަށް ކުންފުނިތަކުގެ މުއްދަތު އިތުރުކުރުމުގެ ސަބަބުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ އިތުރުން، ދައުލަތަށާއި އާންމުންނަށް ގެއްލުންވަމުން ދާ ކަމަށެވެ.
ޖާހު ކުންފުނީގެ ފްލެޓްތައް ނުނިމި ދިޔައީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި ކަމަށް އެ ކުންފުނިން ބުނިކަން ފާހަގަކޮށް ޝުނާނާ އެންޑް ކޯ ގެ ސިޓީގައި ބުނީ، ކޮވިޑުގެ ހާލަތު ކުރިމަތިވީ ފްލެޓްތައް ނިންމައި ހަވާލުކުރަން ދިން މުއްދަތު ފަހަނަހަޅައި ދިޔަތާ އެތައް މަހެއްވީ ފަހުން ކަމަށެވެ. ގިނަ މީހުން ފްލެޓްތަކަށް ފައިސާ ދެއްކީ ލޯނު ނަގައިގެން ކަމަށް ވާތީ ފްލެޓްތައް ހަވާލުނުކޮށް ލަސްވަމުން ދިއުމަކީ އެ މީހުންނަށް މާލީ ގެއްލުމުގެ އިތުރުން ނަފްސާނީ ގެއްލުން ލިބޭނެ ކަމެއް ކަމަށް އެ ސިޓީގައި ބުންޏެވެ. އެ ސިޓީގައި ޝުނާނާ އެންޑް ކޯ އިން ފާހަގަކުރި ގޮތުގައި:
- ފްލެޓް ހަވާލުކުރުމަށް ދިން ފުރަތަމަ މުއްދަތު ހަމަވުމުން، ޖާހު ކުންފުނީގައި އެ ވަރުގެ މާލީ ގާބިލުކަމެއް ހުރިނެތްތޯ ނުބެލުމަކީ އެޗްޑީސީގެ އިހުމާލެއް
- ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް ލިބެމުންދާ ގެއްލުން ހުއްޓުވުމަށް އެޗްޑީސީން ޖާހު ކުންފުންޏާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅައި، ފްލެޓްތައް ނިންމުމަށް ދިން މުއްދަތު އިތުރުކުރުމަކީ އެޗްޑީސީގެ ޒިންމާތަކާ ހިލާފުކަމެއް
- ފްލެޓްތައް ނިންމުމަށް ގެނައި ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ނުދިނުމުގެ ސަބަބުން ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅިކަން އެނގިހުރެ އެޗްޑީސީން ފިޔަވަޅު ނާޅާ
"މިހާތަނަށް ޖާހު އިންވެސްޓްމެންޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ކުންފުންޏަކީ އެ ފްލެޓްތައް ނިންމައި ހަވާލުކުރުމުގެ ގާބިލިއްޔަތު ނެތް ކުންފުންޏެއް ކަމަށްވީ ނަމަވެސް، އެ ކުންފުންޏަށް ފްލެޓް އެޅުމަށް ދީފައިވާ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްފައިވުމާއި، އަދިވެސް ޖާހު އިންވެސްޓްމެންޓާ މެދު ފިޔަވަޅު އެޅުމެއްނެތި، ރައްޔިތުންނަށް މި ދެމުންދާ ބޮޑު ގެއްލުން ހުއްޓުވުމަށްޓަކައި މަސައްކަތްކޮށްފައި ނުވެއެވެ." ސިޓީގައި ވެއެވެ.
މިކަމުގައި ރައީސްގެ ހައްލަކަށް އެދުނީ ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅި ނަމަވެސް، ހައްލެއް ނުލިބި ދެ އަހަރުވެފައި ވާތީ ކަމަށް އެ ސިޓީގައި ބުންޏެވެ.
ޖާހު ކުންފުނީގެ 'ދަ ގާޑަންސް' އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން ދާ ތަނެކެވެ. އެކަމަކު އެ ފްލެޓްތައް ހަތް އަހަރުވީ އިރު ވެސް ނުނިމޭތީ އެ ތަނުން ފްލެޓްތައް ގަތް މީހުންގެ ކަންބޮޑުވުން އެބަހުއްޓެވެ.
އޮކްޓޯޞަރު 2023 ގައި އެޗްޑީސީން އޭރު ބުނީ، ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފަންގިފިލާއިން ތިރީގެ ހުރިހާ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށާއި، އެ އިމާރާތުގެ މަސައްކަތް ހަ މަހުގެ ތެރޭ ފުރިހަމަކުރެވޭނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފްލެޓްތަކުގެ މަސައްކަތެއް އަދި ނުނިމެއެވެ.