ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ 12 މެންބަރުގެ ސޮޔާ އެއްކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މި ވަގުތު މަޖިލީހުގައި ތަމްސީލުކުރާ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކުގައެވެ. އެއީ:
- ޕީޖީ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީީމް ނާޒިލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
- މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
- ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
މިނިސްޓަރު އިހުސާން އެ މަގާމުން ވަކި ކުރަން ގޮވާލައި، އެމްޑީޕީން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. އިދިކޮޅުން ހުށަހެޅި މި މައްސަލައިގައި ބުނީ، ވަޒީރުންގެ މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް ކޮށް، ގާނުނުތަކާ ހިލާފުވެފައި ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެ ކަން ހުއްޓުވައި، ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބެލްކު ލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނެފައި ވެއެވެ. އެ ސިސްޓަމް ތަރައްގީ ކުރި ރާއްޖޭގެ ސިސްޓަމް މެދުވެރިކޮށް ހަރަދު ކުޑަކޮށް އެކަން ކުރެވެން އޮއްވައި، އެ ސިސްޓަމް ހިންގަން ބެސްޓިނެޓާ ހަވާލު ކުރުމަކީ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުން ކަމަށާއި އެއީ ގާނޫނުލް އުގޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ހަމައެއާއެކު އެމްޑީޕީން ވަނީ ފުލުހުންގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އެ ހިދުމަތުން ހިންގަމުން އަންނަ ތަހުގީގުތަކަށް މިނިސްޓަރު ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. ގާނުނުތަކުގައި ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް މިނިސްޓަރު ހުރަސްއަޅާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އެމީހުންނަށް ނޭނގި، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ގިނަ އަދަދެއްގެ ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭނުންކޮށްގެން ކަން އީސީން އާންމުކޮށްފައިވާ މައުލޫމާތުން އެނގުނެް ވެސް ހުށަހެޅި މައްސަަލއިގައި ހިމެނެއެވެ. އީސީއަށް ހުށަހަޅާފައި ހުރި ވަގު ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރަށް އެކްސެސް އޮތް ފަރާތަކަށް ލިބޭނެ މައުލޫމާތުތަކެއް ކަމަށާއި ޑީއެންއާރުގެ ޑޭޓާ ބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ މިނިސްޓަރުގެ އިހުސާންގެ ބެއްލެވުމުގެ ދަށުން ކަން އެނގެން އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.
ސައްހަ ނޫން ފޯމުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށާއި އެ އޮފީހުގެ ތެރޭގައި މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކަން ހާމަވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. މިނިސްޓްރު އިހުސާން އެ މަގާމުގައި ދެމިހުރެއްޖެ ނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަހުގީގަށް ހުރަސް އެޅުމުގެ އިލްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނެ ކަމަށާއި، އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.