ހޯމް މިނިސްޓަރު އަލީ އިހްސާން މަގާމުން ވަކުކުރުމަށް އިދިކޮޅު ޕާޓީ އެމްޑީޕީއިން ގޮވާލައިފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައްކެއް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ޝައްކެއް ނެތް މިންވަރަށް ޔަގީންވެފައިވާ ކަމަށެވެ.

ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި މިނިސްޓަރު އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާ ކަމަށާއި އެމްޑީޕީގެ ފަރާތުން މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެެ. އަދި އެއީ ވަޒީރުންގެ ހުވަޔާ ހިލާފު ކަމެއް ކަމަށާއި މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ވަނީ މިނިސްޓަރު އިހްސާންގެ މި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފައެވެ. އަދި ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުމުގެ މަގާމުގައި އިހްސާން ހުންނެވުމާއެކު މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަކީ މުސްތަހީލު ކަމަކަށް ވާތީ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކަށަވަރު ކުރުމަށްޓަކައި، މިނިސްޓަރު އިހުސާނު މަގާމުން އެކަހެރިކުރުމަށް ވެސް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި އަމަލަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލަކަށްވާތީ މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

އެމްޑީޕީއިން ބުނީ ޕާޓީގެ މެންބަރުންގެ ދަފުތަރު އިތުރުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމަކީ އިންތިހާއަށް ނާތަހުޒީބު، އަދި ހިޔާނާތުގެ އަމަލެއް ކަމަށެވެ. އަދި މިއީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮންނަންވާ އިތުބާރު ގެއްލިގެންދާފަދަ އަމަލަކަށްވާތީ މިފަދަ ކަންކަން އިތުރަށް ނުހިނގާނޭކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެމްޑީޕީއިން ގޮވާލާފައިވެއެވެ.

މީގެއިތުރުން މިހާރު ޕީއެންސީގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފޯމުތަކަކީ ސައްހަ ނޫން ފޯމުތަކެއްކަން ސާފުވެފައިވާތީ މި މައްސަލަ ބަލައި، އެކަމުގައި ގޮތެއް ނިމުމުގެ ކުރިން އެއިން އެއްވެސް ފޯމެއް ރަޖިސްޓްރީ ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީއިން ވަނީ ގޮވާލާފައިވެއެވެ.