ކުރިއަށް އޮތް 5 ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ރަށްރަށުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް ގާއިމްކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، މިއަދުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާ ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓްއިން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. މި ހާލަތުގައި އެންމެ އިސްކަމެއް ދޭނީ ސްޓެލްކޯ އިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށް ވެސް ހާއްސަ އަހަމިއްޔަތުކަމެއް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ހަމައެއާއެކު އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯގެ އިތުރުން އެމްއެންޑީއެފް އާއި މާލެ ސިޓީ ކައުންސިލުން ވެެސް ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރުމާ ގުޅިގެން އެކަމަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ކާރިސާ ކޮމިޓީއެއް އުފައްދާފައެވެ.
ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާގަނޑެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެން ކަމުން މިއަދުން ފެށިގެން މި މަހުގެ 18 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި މަހުގެ ކުރީ ކޮޅު ވެސް ރާއްޖެއަށް ކުރި ވިއްސާރައިގައި ގިނަ ރަށްރަށް ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މާލެ ސިޓީއަށް ވެސް ވަނީ އެ ވިއްސާރައިގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި ކަކުލާ އުނަގަނޑާ ހަމައަށް ފެންގަނޑު ހުންނަ ވަރަށް ފެންބޮޑުވެފައިވާ އިރު، އެތައް ގެތަކަކާއި ފިހާރަތަކަކަށް ފެން ވަދެ ވަނީ ގެއްލުން ލިބިފައެވެ.