ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ގައުމުގެ ބޮޑުވަޒީރު ތާރިގު ރަހްމާނަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ތިބީ ބަންގްލަދޭޝްގެ ރައްޔިތުންނާ އެކުގައެވެ. އަދި ފުރާނަ ގެއްލުނު އާއިލާތަކަށާއި ދިރިއުޅުމަށް ބުރޫއަރާފައިވާ އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެއިން ބަންގްލަދޭޝްއާ އެކު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައި، އަސަރުކޮށްފައިވާ ހުރިހާ މުޖުތަމައުތަކަށް ރައްކާތެރިކަމާއި އަވަސް ޝިފާއަކަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
މި ޖުލައި މަހު ބަންގްލަދޭޝްގެ އިރުދެކުނު ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ ތެރޭގައި ކޮކްސް ބާޒާރުގައި ހިމެނޭ ރޮހިންޖާ ރެފިއުޖީ ކޭމްޕުތަކަށް ބިންގަނޑު ކަނޑައިގެން ގޮސް މަރުވި 16 މީހުން ވެސް ހިމެނެއެވެ. ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗަޓްގްރާމް ޑިވިޝަންގެ ފަސް ޑިސްޓްރިކްޓަކުން 870،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.
ހާއްސަކޮށް ޗަޓްގްރާމް ސަރަހައްދަށް 24 ގަޑިއިރުގެ ތެރޭގައި 412 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ ފާއިތުވި 43 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރު ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގައެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި، ސިއްހީ ދާއިރާއާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ރޮނގުން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
ހާއްސަކޮށް ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ސަރަހައްދީ ފެންވަރުގައި ދެ ގައުމުން ވެސް ގުޅިގެން މަސައްކަތްކުރެއެވެ.
