ތޫފާން 'ދިތުވާ" ގެ ސަބަބުން ހާލުގައި ޖެހިފައިވާ އަވައްޓެރި ސްރީލަންކާއަށް ރާއްޖެއިން ފޮރުކޮށްދިން އެހީ ފާހަގަކުރައްވައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ޝުކުރު އަދާ ކުރައްވައިފިއެވެ.

ޑިސަނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާއަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކުން ދައްކައިދީފައި ވަނީ އެއްބައިވަންތަކަމު ނަމޫނާއެއް ކަމަށް ޑިސަނަޔަކަ ވިދާޅުވިއެވެ. އަދި ރާއްޖެއިން ވެދިން އެހީތެރިކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ވަރުގަދަ ރަމްޒު ކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، މަރުވި މީހުންގެ އަދަދު ވަނީ 355 އަށް އަރާފައެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނެއެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭ އިރު، 180,000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ސްރީލަންކާއަށް ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައި ވަނީ، 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭހެވެ. މިއީ، ދިތުވާ ތޫފާނާ ގުޅިގެން ސްރީލަންކާއިން ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުން ދޭ ހަދިޔާއެކެވެ. 25،000 ކޭސް މަސްދަޅަށްވާ، 14 ކޮންޓެއިނަރު ހިފައިގެން ގެލަނާ ބޯޓުގައި ލަންކާއަށް ގެންދިއުމުގެ ދަތުރު މިހާރުވަނީ ފަށާފައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ދޭން ނިންމާފައިވާ 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާއި ޙަވާލުކުރައްވާފައެވެ.

މީގެއިތުރުން ސްރީލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިސްނަގައިގެން 38 މީޑީއާއަކާ ގުޅިގެން 2 ދުވަހަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން ވަނީ ޖުމުލަ 800،352 ޑޮލަރު ލިބިފައެވެ. މި ފައިސާ ވަނީ ސްރީލަންކާއަށް ހަވާލު ކުރުމަށް އިއްޔެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މި ޓެލެތޯންގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.