ވަގު ފޯމު ފުރައިގެން އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލައިގައި އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކުރެވުނު ކަންކަމާއި މި ކަމާ ގުޅިގެން ނިންމި އެއްވެސް ނިންމުމެއް ސާފެއް ނުވެއެވެ.
ވަގުފޯނު ފުރައިގެން އެ ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލައާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އައިޑީ ކާޑު ޔުނިޓަކީ ދައުލަތެއްގެ ގޮތުގައި ހުރިހާ މައުލޫމާތެއް ރައްކާ ކުރާ ތަން ކަމަށެވެ. އެ ތަނުގެ މައުލޫމާތު ވަގަށް ބޭނުން ކޮށްގެން ޕާޓީގެ އަދަދު އިތުރުކުރަން މަސައްކަތް ކުރި ކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި އިހުމާލުވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ވަގު ފޯމުތަކެއް ފުރައިގެން ސީޔާސީ އެހެން ޕާޓީތަކަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ވަނީ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނާ ވެސް ހިއްސާކޮށްފައެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ކޮންގްރެސް ޕާޓީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ކޮންގްރެސް ޕާޓީގައި ހިމަނާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކޮންގްރެސް ޕާޓީއަށް އެއް ލައްކަ މެންބަރުން ހަމަކުރަން ކަމަށް ބުނެ، މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އީސީގައި އެދިފައިވާނެ ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާއިރު އެކި އެކި އާންމުން ވެސް ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.