ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަންމަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ވެއްދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.

މިފަދައިން އެ ޕާޓީން ގޮވާލާފައި ވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ވަނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް، ކޮންގްރެސް ޕާޓީގައި ހިމަނާފައިވާ ކަމަށާއި އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސަމާލު ކަމަށްވެސް އެ ޕާޓީން ގެނެސްފައިވާނެ ކަމަށެވެ.

އަދި ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ އީސީއާއި ހިއްސާކޮށްފައެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކޮންގްރެސް ޕާޓީއަށް އެއް ލައްކަ މެންބަރުން ހަމަކުރަން ކަމަށް ބުނެ، މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އީސީގައި އެދިފައިވާނެކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި މައްސަލާގައި މެމްބަރު ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް މިއަދު މެންދުރު 14:00 ގައި މި ޕާޓީން އީސީއަށް ދިޔުމަށް ވަނީ ނިންމާފަ އެވެ."

މީގެ އިތުރުންވެސް އެ ޕާޓީން ވަނީ ޑީއެންއާރުގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލާފައެވެ.