އެމްޑީޕީގެ މެންބަރުންނަށް އެކި މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީއިން ބުނީ ސުލޫކީ މައްސަލަތަކާ ގުޅިގެން އެކި މެންބަރުންނަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެ ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުވުމުގެ ގޮތުން މި ގޮތަށް ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފައިވާއިރު އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވި މެންބަރުންނާއި ޕާޓީގައި ގިނަ ދުވަސްތަކެއްވި މެންބަރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވިފައެވެ.

އެގޮތުން 2014 ވަނަ އަހަރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އެ ޕާޓީން ވަކިކޮށްފައިވަނީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގައެވެ. އަދި 2023 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް އެމްޑީޕީގެ މާލެ ސިޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމި ނަމަވެސް، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ޕާޓީގެ މަގާމުތަކަށް ވާދަނުކުރެވޭ ގޮތަށް އޮތުމުން އެ ފުރުސަތު ލިބިފައެއް ނުވެއެވެ.