ހުޅުމާލޭ އާސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލުން މަޑުޖައްސާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުންނަ ކަމަށެވެ.
އަދި މީގެ ސަބަބުން ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެހެންކަމުން މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން ވިއްސާރައާ ގުޅިގެން މާލޭގެ އާސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ހުޅުމާލޭ ސަހަރާގައި ވަޅުލުން ދަތިވެގެން މާލޭ ސަހަރާގައި މީހުން ވަޅުލާފައިވާއިރު އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެއުމަށް އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ފަށާފައި ނުވެއެވެ.
މިދިޔަ ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.