އައްޑޫ ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ރީ ކޮންސިއުލޭޝަން ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ ބުނެފިއެވެ.

އައްޑޫ ގެ ހުޅަނގު އަވަށްތައް ގުޅުވައިދޭ 19 ކިލޯމީޓަރުގެ ލިންކް ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިކަމުގެ ޝަކުވާތައް އެ ސިޓީގެ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އަދި ވެހިކަލްތަކާ، ދުއްވާ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު ވިއްސާރަ މޫސުމުގައި މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ދުއްވުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

މިކަމާއި ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބު ދެމުން މިނިސްޓްރީން ބުނީ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރެވޭ ވަރަށްވުރެވެސް ފެންވަރު ދަށްވެފައިވާކަމަށެވެ. އެހެންކަމުން މިނިސްޓްރީން މިހާރު މަސައްކަތްކުރަމުން ދަނީ ލިންކް ރޯޑު އެއްކޮށް ބަދަލުކޮށް، މުޅިން އަލަށް ރަނގަޅު ފެންވަރަކަށް މަގު ހެދުމަށްކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި މަސައްކަތަށް ބޭނުންވާ ބަޖެޓު ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށާއި، އުއްމީދަކީ ވީހާވެސް އަވަހަށް މަސައްކަތް ފެށިގެން ދިއުން ކަމަށެވެ. އައްޑޫގެ އާބާދީ އާއި ވެހިކަލްތަކުގެ ނިސްބަތަށް ބަލާއިރު އެމަގަކީ ވަރަށް ބޮޑަށް ހަނި މަގަކަށްވާއިރު، މިނިސްޓްރީން ބުނީ އާ ލިންކު ރޯޑުގެ މަސައްކަތް ޕްލޭން ކުރަމުން ދަނީ ޒަމާނާ އެއްގޮތަށް ކަމަށެވެ. އެ ގޮތުން މިހާރު ބޭނުންކުރަމުން އައި މަގު އެއްކޮށް ހަދާއިރު، މަގު އިތުރަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގެ މައި މަގުގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވާއިރު މަގުގެ ބައެއް ތަންތަނުގައި ހެދިފައިވާ އަޑި ގުޑަންތައް ގިނައެވެ. އައްޑޫ ސިޓީގެ މަގުގެ ހާލަތު ގޯސްވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އައްޑޫ ސިޓީ ކައުންސިލަށް ވެސް އަމާޒުވަމުން އަންނައިރު މީގެ ކުރިން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުވެސް ވަނީ އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ނުކުރެވޭ ވަރަށް ވީރާނާވެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ލިންކް ރޯޑްގެ މަރާމާތުތަކެއް ކޮށްފައި ވާއިރު، އަނެއްކާވެސް ލިންކު ރޯޑު މަރާމާތު ކުރުމަކީ ދާއިމީ ހައްލެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.