ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުގައި 'އަ ޕްލޮޓު އިން ޕެރަޑައިސް އެންޑް އިންޑިއާސް ސްޓްރަގްލް ފޯ އިންފުލުއެންސް އިން އޭޝިއާ'، މި ސުރުހީގެ ދަށުން މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒު އަޒުލު ކުރަން އިންޑިއާ އިން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ދެ ގައުމުގެ ގުޅުން އެންމެ ގޯސްވި ދަނޑިވަޅު، އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ ބައެއް އެޖެންޓުންނާއި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ އެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

ވެރިކަން ވައްޓާލުމަށް ބޮޑު ރޭވުމެއް ރޭވުން

'ޑިމޮކްރެޓިކް ރިނިއުވަލް އިނިޝިއޭޓިވް'ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރޯގެ އެ ޑޮކިއުމެންޓާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައި ބުނީ، ޕީއެންސީ މެންބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ރިޝްވަތް ދިން ކަމަށެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް 10 އޮފިޝަލަކަށް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް އިދިކޮޅު ފަރާތްތަކުން އިންޑިއާއަށް ހުށަހަޅާފައިވާކަަމަށެވެ. އަދި މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ ފައިސާ ހޯދުމަށް އިންޑިއާގެ އެހީ ހޯދަން މިކަން ރޭވި ފަރާތްތަކުން މަސައްކަތްކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އިންޑިއާގެ ނުރުހުން

ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވާ ގޮތުން، އިންޑިއާ މެދުވެރިކޮށް ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކޮށްފައިވަނީ ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ވާދަވެރިކަމާ ގުޅުވައިގެންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނަކީ "ޕްރޯ ޗައިނާ" ލީޑަރެއްގެ ގޮތުގައި ދައްކައިދީފައިވާކަން ފާހަގަކޮށް އެ ޕޯސްޓުގައި ބުނެފައިވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރެއްވި މަސައްކަތްތަކާ އެކަމާއި ގުޅުވާފައިވާކަމަށެވެ. އިތުރަށް މި ޕޯސްޓުގައި ބުނެފައިވަނީ އިންޑިއާއާ ވާދަވެރި ޕާކިސްތާނާ ގާތް ގުޅުން ބާއްވާ ސަރުކާރުތަކާއި ޗައިނާއާ އެކު ގުޅުން ބަދަހި ކުރާ ގައުމުތަކަށް އިންޑިއާގެ ނުރުހުން އޮންނަކަމަށެވެ. އޭޝިއާ އާއި މެދު އިރުމައްޗާ ގުޅުވައިދޭ މުހިއްމު ސަރަހައްދެއްގައި ރާއްޖެ އޮންނައިރު، ރާއްޖޭގެ މައްޗަށް ނުފޫޒެއް އޮތުމަކީ އިންޑިއާ ނުވަތަ ޗައިނާއަށް ވެސް އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި އެ ބައެއްގެ ބާރުގަދަކުރުމަށް އޮތް އެންމެ ފަސޭހަ ގޮތްކަމަށް އެ ޕޯސްޓުގައިވެއެވެ.

ހަނިމާދޫ އެއާޕޯޓުގައި ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓު - މި ބޯޓު ދުއްވަން އިންޑިއާ ސިފައިން ތިބޭ މައްސަލަވެސް މީގެ ކުރިން ވަނީ ބޮޑުވެފައި

ވޮޝިންޓަން ޕޯސްޓުގެ ލިޔުމަށް ގިނަ އަަދަދެއްގެ ދިވެހިންގެ އިންޓަވިއު ނަގާފައިވާއިރު، އެ މީހުންނާ ހަވާލާދީ ގިނަ ވާހަކަތަކެއްވަނީ ހާމަކޮށްފައެވެ. އެގޮތުން މި ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސްކަމަށް ބުނެފައިވެއެވެ. އަދި ވޮޝިންޓަން ޕޯސްޓުގައި ބުނީ ރައީސް މުއިއްޒު ވެރިކަން ވައްޓާލުމަށް ރޭވި ކަމަށް ތޮރާތާއި ރޮޑްރީގްސް ވެސް ޔަގީން ކޮށްދީފައިވާކަމަށެވެ. އެހެންނަމަވެސް އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަން ހާމަކޮށްފައި ނުވާކަމަށް މި ބުނެފައިވެއެވެ.

އެމްޑީޕީގެ ވެރިކަން ދަމަހައްޓަން އިންޑިއާއިން ގިނަ މަސައްކަތްތަކެއްކުރި:

މީގެ އިތުރުން މި ޕޯސްޓުގައި ބުނެފައިވަނީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ވެސް އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. މިގޮތުން، ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް އޭރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ގިނަ މަސައްކަތްތަކެއް ކުރިކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެެ.

ވޮޝިންޓަން ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ނަޝީދު، އިބްރާހީމް މުހައްމަދު ސޯލިހް އާއި ސުލްހަނުވުމުން، އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް، އަސްކަރީ މަތިންދާބޯޓެއްގައި ބޯޓުގެ ޓްރާންސްޕޮންޑަރު ނިއްވާލައިގެން ރާއްޖެ އަށް އައިކަަމަށެވެ. އަދި މި ދެ ބޭފުޅުން ސުލްހަ ކުރުމުގެ މަޝްވަރާތަކެއް ކުރުނބާ ރިސޯޓުގައި ކުރިއަށް ގެންދިޔަ ކަމަށް މި ޕޯސްޓުގައިވެއެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---

ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ގިނަ މަޝްވަރާތަކެއްކުރެވުނު:

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝްދީބް ޕްރޮމޯޓު ކުރެއްވުމުގެ ތެރެއިން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޭރު އުފެދުނު ބޮޑު ކޯޅުންގަނޑުގެ ފައިދާ ނަގައި، ރައީސް މުއިއްޒު އަޒުލުކުރުމުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މޭޒުތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުޑަދަށުގައި އިދިކޮޅު މެންބަރުން ދައްކަމުން ދިޔަ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ހަ މީހަކާ ހަވާލާދީ ބުނެފައިވެއެވެ. އެހެންނަމަވެސް، ރައީސް މުއިއްޒު އަޒުލުކޮށްފި ނަމަ ސުޕްރީމް ކޯޓުން އެކަން ހުއްޓުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުރަވިކަމަށްވެއެވެ. އަދި ސަލާމަތީ ބާރުތަކުން ނުކުތުމުގެ އިތުރުން އާންމު ރައްޔިތުންގެ ނުރުހުން ވެސް އަމާޒުވާނެ ކަމުގެ ބިރު ބޮޑު ކަމަށް ބުނެ، އެމްޑީޕީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ފަސްޖެހުނުކަމަށް މި ޕޯސްޓުގައިވެއެވެ.

މަސްތަކަކަށް ދެމިގެންދިޔަ ސިއްރު މަޝްވަރާތަކަށް ފަހު ވެސް ސަރުކާރު ވައްޓާލަން ކުރަމުންދިޔަ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބުނު މައިގަނޑު ސަބަބެއްކަމުގައި އެ ލިޔުމުގައި ބުނެފައިވަނީ ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުން ކަމަށެވެ.

އެމްޑީޕީގެ އިސް މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް:

ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ޕްލޭނަށް ތާއީދު ލިބިއްޖެ ނަމަ މެންބަރުންނަށް ރިޝްވަތު ދޭން ބޭނުންވާ ފައިސާ އިންޑިއާ އިން ހޯދިދާނެ ކަމަށް އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވިކަމަށް މި ޕޯސްޓުގައި ބުނެފައިވެއެވެ. އަދި އެ ޕްލޭން ކާމިޔާބު ނުވެއްޖެ ނަމަ އެމްޑީޕީ އަށް މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްދޭން، އިންޑިއާ އިން ފައިސާ ހޯދައިގެން، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ކަމަށް ވެސް މި ޕޯސްޓުގައިވެއެވެ. އެހެންނަމަވެސް ހުސެއިން ޝަހީމް އާއި އަހުމަދު އީސަ މިވާހަކަތައް ދޮގުކޮށްފައިވާކަަމށް ވޮޝިންޓަން ޕޯސްޓުގައި ވަނީ ބުނެފައެވެ.

"ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ކަރުދާހާ ހަވާލާދީ ޕޯސްޓުން ބުނީ، މަޖިލިސް އިންތިހާބުގައި 90 ގޮނޑީގެ ތެރެއިން 45 ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް، އިންޑިއާ އިން އަށް މިލިއަން ޑޮލަރު، ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ހޯދަން ހިމަނާފައި އޮތް ނަމަވެސް، އެ ފައިސާ އިންޑިއާ އިން ދީފައި ނުވާ ކަމަށެވެ.

މި ބޮޑު ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި

އިދިކޮޅު ފަރާތްތަކުން މިފަދަ ބޮޑު ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިވަޑައިގެން، އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުއްވި ކަމަށް މި ޕޯސްޓުގައިވަނީ ބުނެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 11 މެންބަރަކު ޕީއެންސީގެ ކޮޅަށް ގެންނެވީ، އެ ރޭވުމަށް ހުރަސް އެޅުއްވުމުގެ ގޮތުން ކަމަށް ޕޯސްޓުން ވަނީ ބުނެފައެވެ. މި ބޮޑު ރޭވުމާ ގުޅޭގޮތުން، އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވި ކަމަށް ވޮޝިންޓަން ޕޯސްޓުން ވަނީ ބުނެފައެވެ.