ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖިމް ޕާކެއް ތަރައްގީ ކުރަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށާއި އެގޮތުން ޖިމް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މި މަސައްކަތް އެޗްޑީސީ އިން ކުރަން ފަށާފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ޕޯޓް ލިމިޓެޑްގެ އިތުރުން މާލޭ ސިޓީ ކައުންސިލް އަދި ވެމްކޯއާ ގުޅިގެންނެވެ.
އެޗްޑީސީ އިން ވަނީ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ކެފޭތަކުން ހިދުމަތް ދިނުމުގައި ދުވާރު ބޭނުން ކުރި ނަމަވެސް ދުވާރުމަތީ މޭޒުފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ދިނުމަކީ އެޗްޑީސީން މަނާކޮށްފައިވާ ކަމެކެވެ.