ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ނޫޅޭ ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ރޭ ދެެއްކެވި ވާހަކަ ބެލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ،
އެމްޑީޕީން ބުނީ، މި ފަދަ ދޮގު ވާހަކައެއް ދެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް އެމްޑީޕީން ބުނެއެވެ. ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.
ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ޕީއެންސީން ހ. ވެޔޮވިލާގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ކުރީގެ މެންބަރު ނިހާދު ވިދާޅުވެފައި ވަނީ، އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތު ކުރެއްވިއެވެ. ރިސޯޓަކަށް އެރުމަށް ޓަކައި އެމްޑީޕީން ރާވާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު ހަަތަރެއް ޖަހާއިރު ކަމަށާއި އެ ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް ވެސް ނިހާދު ތުހުމަކުރެއްވިއެވެ.