ކ. ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ސުނިލް އާއި ނައިބު ރައީސް ރަހުމާ ރުޝްދީ، ރައީސާއި ނައިބުކަން ކުރާ ޖަމިއްޔާއަކަށް އުސޫލާ ހިލާފަށް 70،000 ރުފިޔާ ކައުންސިލުން ދީފައިވާކަން އޮޑިޓަރު ޖެނެރަލްގެ އިދާރާއިން ނެރުނު އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ދިއްފުށީ ކައުންސިލްގެ 2022 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކުރީ ކައުންސިލްގެ އިދާރާއިން ފާސްކުރި ގޮތަށްތޯ ބެލުމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން ދައްކާ ގޮތުން، ދިއްފުށީ ކައުންސިލްގެ އިދާރާއިން ކައުންސިލްތަކުގެ މާލީ ކަންކަން 'ވިޔަ' މޮޑިއުލްގައި ގަވައިދުން ބަލަހައްޓާފައެއް ނުވެއެވެ. އެގޮތުން ކައުންސިލްގެ ލިޔެކިއުންތަކާއި ވިޔަ މޮޑިއުލް އަޅާ ކިއުމުން ދައްކާ ގޮތުގައި:

  • ލިޔެކިއުންތަކުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބުނީ 9.26 މިލިއަން ރުފިޔާ، ވިޔަ މޮޑިއުލުން ދައްކާ ގޮތުގައި ލިބުނީ 8.73 މިލިއަން ރުފިޔާ
  • ލިޔެކިއުންތަކުގައިވާ ގޮތުން ކައުންސިލުން 7.41 މިލިއަން ރުފިޔާ ހަރަދުކުރި، ވިޔަ މޮޑިއުލުން ދައްކަނީ ކައުންސިލުން 6.72 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް
  • އެހެންކަމުން 1.22 މިލިއަން ރުފިޔާގެ ތަފާތެއް މާލީ ހިސާބުތަކުގައި ހުރި ކަމަށް އެބަ ދައްކާ
  • ކައުންސިލަރުން އޮފީހަށް އަންނަ ވަގުތު ފިޔަވައި ބޭރަށް ދާ ވަގުތު ނުބެލެހެއްޓުން

މީގެ އިތުރުން، ކައުންސިލަށް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ރަސީދު ނުހަދާ ބަލައިގެންފައިވާ ކަމާއި، އެގޮތުން ކައުންސިލްގެ ރައީސް ސީދާ ފައިސާ ބަލައިގަނެ ކައުންސިލަށް ފައިސާ ދައްކަމުން ދިއުމާއި، ކައުންސިލްގެ ބޭންކް އެކައުންޓަށް 2022 ވަނަ އަހަރު އެކި ފަރާތްތަކުން ޓްރާންސްފާކުރި 597،322 ރުފިޔާ އަށް ރަސީދު ހަދާފައިނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ހަމަ އެހެންމެ، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސްޓޭޖް ރޫމް އެ އަހަރު ކުއްޔަށް ދޫކުރިއިރުގެ ލިޔުންތައް ކައުންސިލުން ބަލަހައްޓާފައިނުވާ ކަމަށާއި، އެހެންކަމުން ސްޓޭޖް ރޫމްގެ ކުލީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ އާއި ކުލީގެ ގޮތުގައި ކައުންސިލްގެ ރައީސް މެދުވެރިވެގެން ދައްކާފައިވާ 3،000 ރުފިޔާ އަކީ އަސްލު ލިބެންޖެހޭ އަދަދުކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި މީގެ އިތުރުން ފާހަގަކުރި އެހެނިހެން ބައެއް ކަންކަން:

  • ކައުންސިލްގެ ބޭންކް އެކައުންޓްތަކުގެ ބާކީ ބަލަހައްޓައި މަހަކު އެއްފަހަރު ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރަން ޖެހޭނެ ކަމަށް އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރުން
  • ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުން، އޭގެ ތެރޭގައި ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އަހަރަކަށް ވުރެ ގިނަދުވަސް ވެފައިވާ 4.72 މިލިއަން ރުފިޔާ ހިމެނޭ
  • ހަރުމުދަލުގެ ރަޖިސްޓްރީ ގަވައިދާ އެއްގޮތަށް ނުބެލެހެއްޓުން، އެގޮތުން ބައެއް މުދާ ރަޖިސްޓްރީގައި ނެތުމާއި ރަޖިސްޓްރީގައި ހުރި ބައެއް މުދާ ފެންނަން ނެތުމާއި ބައެއް މުދަލުގެ ތަފްސީލު ރަޖިސްޓްރީގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކޮށްފައިވޭ

އަދި ކައުންސިލުން ހިލޭ އެހީ ދޭނެ ގޮތް ބަޔާންނުކޮށް މަސްލަހަތު ފުށޫއަރާ ގޮތަށް އެހީތެރިކަން ދީފައިވާ ކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ބޮޑު އީދުގެ ހަރަކާތްތައް 2022 ވަނަ އަހަރު ކުރިއަށް ގެންދިއުމަށްޓަކައި ދެ ޖަމިއްޔާއަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 85،000 ރުފިޔާ ކައުންސިލުން ދޫކޮށްފައިވެއެވެ.

އޭގެ ތެރެއިން ކައުންސިލްގެ ރައީސާއި ނައިބު ރައީސް، ރައީސާއި ނައިބުކަން ކުރާ ޖަމިއްޔާ އަށް ބޮޑު އީދުގެ ހަރަކާތްތައް ހިންގުމަށްޓަކައި 70،000 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އެ ހަރަކާތްތައް ހިންގުމަށްޓަކައި ސްޓޭޖާއި ސްޓޭޖް ރޫމް ދޫކުރީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ބައިވެރިވި ކައުންސިލްގެ ޖަލްސާއެއްގައި ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ދިން ބައެއް ލަފާ:

  • ގަވައިދުން ވިޔަ މޮޑިއުލްގައި މާލީ ކަންކަން އަދާހަމަކޮށް މޮޑިއުލަށް ބަލައި މާލީ ބަޔާން ތައްޔާރުކުރުން
  • މާލިއްޔަތު ގަވައިދުގައިވާ ގޮތަށް ފައިސާ ބަލައިގަތުމަށް ފަހު ގަވައިދުން ރަސީދު ހެދުން، އަދި ރަސީދުގައި ތަފްސީލު ހިމެނުން
  • ބޭންކަށް ޖަމާކުރާ ފައިސާގެ ހިސާބުތައް ގަވައިދުން ބަލަހައްޓަމުން ގެންދިއުން
  • އަމިއްލަ މަސްލަހަތު ހިމެނޭ ކަމަކާ މެދު ކައުންސިލްގައި މަޝްވަރާކުރާ ނަމަ އެ ކައުންސިލަރަކު ކައުންސިލްގެ ޖަލްސާއެއްގައި ބައިވެރިނުވުން