ދިވެހިންގެ ތެރޭގައި ތަފާތު މަސައްކަތް ކުރަން ދަންނަ ތަފާތު މަސައްކަތް ކުރުމުގެ ތަޖުރިބާ ހުންނަ މީހުން އުޅޭ އިރު، ވަޑާން ކުރާ މީހުންގެ މަސައްކަތަކީ ވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެގޮތުން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭ 'މީހުން' ސެގްމެންޓްގައި މިއަދު މި ހާއްސަ ކޮށްލަނީ ކިއްސަރު ވަޑާމާއި ތެދުވި ވަޑާމަށް ވެސް ނުހަނު ފަރިތަ ފަރާތެއް ކަމަށް ވާ، ކ. ދިއްފުށީ، ސެރަޓަން، މުހައްމަދު އުމަރެވެ.

އުމުރުން 59 އަހަރުގެ މުހައްމަދު އުމަރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ތެދުވި ވަޑާމެވެ. އޭނާ ކިއްސަރުވަޑަމުގެ މަސައްކަތް ހުއްޓާލީ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށް ބުނެއެވެ. އޭނާއަށް ކުރަން ނޭނގޭ މަސައްކަތެއް ނުހުންނާނެ ކަމަށާއި ކޮންމެ ކަމެއް ކުރަން ޖެހުނަސް އެ މަސައްކަތެއް ކުރެވިދާނެ ކަމަށް އަބަދުވެސް ގަބޫލު ކުރާ ކަމަށް އުމަރު ބުނެއެވެ.

މުހައްމަދު އުމަރު ހަޑަފއިވާ ފަރުނީޗަރުތަކެއް ދައްކާލަނީ / ފޮޓޯ: ދަ ޕްރެސް

މުހައްމަދު އުމަރުގެ ޒުވާން ދުވަސްވަރު އޭނާއަކީ މަސްވެރިއެކެވެ. މަސްވެރިކަން ކުރަން އުޅުނު ދުވަސްވަރު ދިމާވި ހާދިސާއެއްގައި އޭނާގެ ލޮލަށް ލިބުނު އަނިޔާއެއްގައި ލޯ ހަލާކުވުމުން މަހަށް ދިއުން ހުއްޓާލިއެވެ. އެއަށް ފަހު އޭނާ ބޭނުންވީ ރަށުގައި ހުރެ މަސައްކަތެއް ކުރާށެވެ.

ރަށުގައި ހުރެ މަސައްކަތް ކުރަން ފެށި އިރު ވަޑާމުގެ މަސައްކަތް ފެށި ސަބަބު ހާމަކުރަމުން އުމަރު ބުނީ، ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކުރި އިރު މާވަޑިންނަށް ބައެއް މަސައްކަތް ހަވާލު ކުރުމުން އެ މަސައްކަތް ބޭނުންވާ ގޮތަށް ނުވުމުން އަމިއްލަ އަށް މި މަސައްކަތް ކުރަން ނިންމައި މަސައްކަތް ކުރަން ފެށީ ކަމަށެވެ.

މުހައްމަދު އުމަރު ހަޑަފއިވާ ފަރުނީޗަރުތަކެއް ދައްކާލަނީ / ފޮޓޯ: ދަ ޕްރެސް

މުހައްމަދު އުމަރު ބުނާ ގޮތުގައި މިއީ އާމްދަނީ ހޯދުމަށް ކުރަން ވެސް ވަރަށް ރަނގަޅު މަސައްކަތެކެވެ. ޒުވާނުން ތެދުވި ވަޑާމުގެ މަސައްކަތް ދަސްކުރުމަކީ އޭނާ ބާރު އަޅާ ކަމެކެވެ. މި މަސައްކަތް ކުރާ ނަމަ މަހެއްގެ މައްޗަށް 15000 އާއި 20000 އާ ދެމެދުގެ އާމްދަނީއެއް ހޯދިދާނެ ކަމަށް އޭނާ ބުނެއެވެ. ތެދުވި ވަޑާމުގެ މަސައްކަތުގެ ތެރެއިން ސަފާރީތަކުގެ މަސައްކަތާއި އޮޑިދޯނިފަހަރުގެ މަސައްކަތުގެ އިތުރުން ގެދޮރުގެ މަސައްކަތުން މިހާރު ވެސް އޭނާއަށް މަހެއްގެ މައްޗަށް މަދުވެގެން 15000 ރުފިޔާ ލިބޭ ކަމަށް ބުނެއެވެ.

މި މަސައްކަތް ކުރުމުގައި މަސައްކަތް ހޯދުމަށް މުހައްމަދު އުމަރު މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ކަމަށް އޭނާ ބުނެއެވެ. އޭނާ ކުރާ މަސައްކަތް ފެނިގެން އޭނާ ކައިރިއަށް މަސައްކަތް ކުރުމަށް އެދި އަބަދުވެސް މީހުން އަންނަ ކަަމަށް ބުނެއެވެ. ރަށްރަށުން ބޯޓު ފަހަރު ހެދުމަށް ނުވަތަ ގެދޮރުގެ މަސައްކަތް ކުރުމަށް އެދި މީހުން އަބަދުވެސް އޭނާއަށް ގުޅާ ކަމަށާއި މަސައްކަތް ހޯދަން އިސްތިހާރެއް ވެސް ނުކުރާ ކަަމަށް އޭނާ ބުނެއެވެ. މިގޮތަށް މަސައްކަތް ލިބޭ އެއް ސަބަބަކީ އެ މަސައްކަތެއް ކުރުމުގައި ދެމިހުރެ، އިތުބާރު ލިބިފައިވުން ކަމަށް އޭނާ ދެކެއެވެ.

ތެދުވި ވަޑަމުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު އުމަރު

ވަޑާމުގެ މަސައްކަތަކީ ރާއްޖޭގައި ފުރުސަތުތައް އޮތް މަސައްކަތަށް ވާއިރު، މި ފަދަ މަސައްކަތްތައް ކުރުމަށް ބިދޭސީން ގެނައުމަކީ މުހައްމަދު އުމަރު ތާއީދުކުރާ ކަމެއް ނޫނެވެ. ބިދޭސީން ގެނެސްގެން މަދު ފައިސާއެއް ދީގެން މަސައްކަތް ކުރާ މީހުން އުޅުނަސް އެ ހާލަތުގައި ބައެއް ފަހަރު ގެއްލުންވާ ފަހަރުވެސް އަންނާނެ ކަމަށް އޭނަ ބުނެއެވެ.

އޭގެ ބަދަލުގައި މި މަސައްކަތަށް ދިވެހިންގެ ހިތްތަކުގައި ލޯބި އުފައްދަން މަދްރަސީ ހަޔާތުގައި ކުދިންނަށް މިފަދަ މަސައްކަތްތައް އުނގަންނައި ދިނުމަކީ މުހިއްމު ކަމެއް ގޮތުގައި އޭނާ ދެކެއެވެ. ސްކޫލްގައި ކުދިން ކިޔަވާ އިރު އިތުރު ހަރަކާތެއްގެ ގޮތުން މިފަދަ މަސައްކަތް ދަސްކޮށް ދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އަދި ސްކޫލް ނިންމާ ކުދިން ވަޒީފާއަށް ދިއުމާ ދެމެދު ބޭކާރު ގޮތުގައި ދުވަސްތަކެއް ނަގާލުމަށް ބޭތިއްބުމަށް ވުރެ، މިފަދަ މަސައްކަތެއް ދަސްކޮށްގެން ކުރިއަށް ދިއުމަކީ ވެސް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި މުހައްމަދު އުމަރު ދެކެއެވެ.

މުހައްމަދު އުމަރު / ފޮޓޯ: ދަ ޕްރެސް

ޒުވާނުންނަށް ރޭނުމާއި ސިމެންތި ޖެހުމާއި ވަޑާން ކުރުމާއި ކަރަންޓުގެ މަސައްކަތް ކުރުން ފަދަ މަސައްކަތްތަކަކީ ޒުވާނުންނަށް ކުރެވޭނެ މަސައްކަތް ކަމަށާއި ނަމަވެސް އެ ދާއިރާތަކުން ޒުވާނުން ފެންނަ މިންވަރު އިތުރުވެގެންދާނީ މަދްރަސީ ހަޔާތުގައި ވެސް މިފަދަ މަސައްކަތްތަކަށް ކުދިން އަހުލުވެރި ކުރެވިގެން ކަމަށް މުހައްމަދު އުމަރު ބުނެއެވެ.

އުމަރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި މި މަސައްކަތް ކުރާ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިއުމެވެ. ކާބަފައިންގެ ޒަމާނުއްސުރެ ވަޑާން ކުރާ މީހުންގެ ހުނަރުވެރި އެތައް މަސައްކަތްތަކެއް ފެންނަން ހުރި އިރު، މި މަސައްކަތަކީ ބިދޭސިންގެ އަތް މައްޗަށް ދޫކޮށްލާ ވަރުގެ މަސައްކަތެއް ނޫން ކަމަށް އުމަރު ބުނެއެވެ. އަދުގެ ޒުވާނުންގެ ތެރޭގައި ވެސް ހުނަރުވެރި އެތައް ބަޔަކު ތިބޭނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި ގިނަ ޒުވާނުން ވަޑިންގެ ގޮތުގައި ފެނުމަކީ އުމަރު ކުރާ ފޮނި އުންމީދެކެވެ.