ފާއުތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ކ. ދިއްފުށްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 08:00 އަށް ކުރި ވިއްސާރައިގައި ދިއްފުށްޓަށް 296.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ މެޓް އޮފީހުން ބުނެއެވެ. އަދި މިއީ ރެކޯޑެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރެކޯޑުތައް ދައްކާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި ވަނީ ހއ. ކެލާގައެވެ. ހުސްވި އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ކެލާއަށް ވަނީ 231.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ މާލޭގައެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު 5 ގައި މާލެއަށް ވަނީ 228.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު ރޭ މާލޭއާއި ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެ އެކިވަރުގެ ގެއްލުން ލިބިފައެވެ. މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވިއްސާރަވެ ރާއްޖޭގެ އެކި ސަރަހައްދުގައި ފެންބޮޑުވެފައިވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވެސް ކަނޑައަޅުއްވާފައެވެ.
މާލޭގައި އާންމުކޮށް ފެން ބޮޑުވާ ގިނަ މަގުތަކުގައި ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ދަނީ ކެނޑިނޭޅި ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ގޭގެއަށާއި ފިހާރަތަކަށް ފެން ވަންނަމުންދާތީ މާލޭގެ މަގު ތަކުގައި ބަރު އުޅަނދު ނުދުއްވުމަށް ވަނީ ފުލުހުން އިލްތިމާސްކޮށްފައެވެ.