ދިވެހިންގެ ތެރޭގައި ވެސް ލުއިކާނާ ކާން ބޭނުންވާ ގިނަ ބަޔަކު އުޅޭ އިރު ދިވެހިވަންތަ ލުއިކާނާ ކާން ބޭނުންވާ މީހުން މަދެއް ނޫނެވެ. އާނމު ގޮތެއްގައި މިފަދަ ލުއި ކާނާގެ އުފެއްދުންތައް މާރުކޭޓްގެ ގޮޅިތަކުން ލިބެން ހުންނަ އިރު މިހާރު ރީޓެއިލް ފިހާރަތަކުގައި ވެސް މި ބާވަތްތައް ހުންނަ ތަން ފެނެއެވެ. ދިވެހިން އުފައްދާ ލުއިކާނާގެ ތެރޭގައި ތަރަފަނަ ވެން ބޮޅު އަލައަކީ ވެސް ގިނަ ބަޔަކަށް މީރު ބާވަތެކެވެ.

އެގޮތުން ރޯދަ މަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ގެނެސްދޭ މީހުން ސެގްމެންޓްގައި މިއަދު މި ހާއްސަކޮށްލަނީ މި ފަދަ ލުއިކާނާގެ ބާވަތްތައް ތައްޔާރުކޮށްގެން އާމްދަނީ ހޯދަމުން އަންނަ އުމުރުން 65 އަހަރުގެ އަންހެނެއްގެ ވާހަކައެވެ.

ކ. ދިއްފުށީގައި ދިރިއުޅޭ އާމިނަތު މޫމިނާ އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތަކީ ބޮލި ވިއްކުމެވެ. އެ ގޮތުން ތަފާތު އެކި ވައްތަރު ރީތި ބޮލި ހޮވައިގެން ބޮލި ވިއްކަން ފެށީ އެ ރަށުގައި ޓޫރިޒަމް ފުޅާވެގެން އަންނަ ފެށި ދުވަސްރު އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށެވެ. އެއަށް ފަހު ދިވެހިންގެ ތެރޭގައި ހަދާ ލުއި ކާނާގެ ބައެއް ބާވަތްތައް އޭނާ އުފައްދައިގެން ވިއްކަން ފެށިއެވެ. މޫމިނާ އުފައްދާ ތަކެތީގެ ތެރޭގައި ތަރަފަނަ، ވެން ބޮޅު، އޮޅާލި، އަލަ، ހިމެނެއެވެ. މީގެ އިތުރުން ވެސް ފަންގިވިއެ ރޯނު ވެށުމުގެ މަސައްކަތް ވެސް މޫމިނާ ކޮށް އުޅުނެވެ.

އާމިނަތު މޫމިނާ / ފޮޓޯ: ދަ ޕްރެސް

ލުއި ކާނާގެ ބާވަތްތައް ހަދައިގެން އޭނާ ވިއްކާތާ މިހާރު 20 އަހަރު ވެދާނެ ކަމަށް ބުނެއެވެ. އުމުރުން 65 އަހަރުގެ މޫމިނާ ބުނި ގޮތުގައި އޭނާ ދަރިން ބަލައި ބޮޑު ކުރީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ގޭގެއަށް ގޮސް ތެލި ދޮވެދީ ކުނި އުކާލުން ފަދަ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން ދަރިން ބަލައި ބޮޑު ކުރީ ކަމަށް އޭނާ ބުނެއެވެ.

ލުއި ކާނާ ތައްޔާރުކޮށްގެން ރަށުގައި ވިއްކަން ފެށި ފަހުން މޫމިނާގެ އުފެއްދުންތައް ގަންނަން ބައެއް މީހުން އެދިގެން އަންނަ ކަމަށް ވެސް އޭނާ ބުނެއެވެ. ޕެކެޓް ޕެކެޓްގައި ވެސް އެ ތަކެތި ހަދައިގެން ވިއްކާ ކަމަށާއި ބޮޑު އަދި މެދު ޑަބިޔާގެ ލުއި ކާނާތައް އުފެއްދުމަށް އެދިގެން ވެސް ބައެއް ފަރާތްތަކުން އަންނަ ކަމަށް މޫމިނާ ބުނެއެވެ. އެންމެ ގިނައިން އޯޑަރު ލިބެނީ އާންމުކޮށް މީހުން އެރަށަށް ޒިޔާރަތް ކުރާ ދުވަސްވަރު ކަމަށް މޫމިނާ ބުނެއެވެ. ހާއްސަކޮށް ރައްޓެހިން ރަށަށް އައިސް އުޅޭ ކަމުގައި ވާ ނަމަ އޯޑަރު ކުރާ ކަމަށް އޭނާ ބުނެއެވެ.

މި މަސައްކަތް ފެށީ އޭނާ އަމިއްލައަށެވެ. އަދި މި މަސައްކަތުގައި އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބޭ ކަމަށް މޫމިނާ ބުނެއެވެ. ނަމަވެސް ދަރިން ބޮޑެތިވީ ފަހުން ބައެއް ފަހަރު މަސައްކަތުގައި އުލޭ އިރު ދަރިންގެ ފަރާތުން އެހީތެރިކަން ލިބެމުން ދާ ކަން އުފަލާއެކު މޫމިނާ ފާހަގަކުރެއެވެ.

އާމިނަތު މޫމިނާ / ފޮޓޯ: ދަ ޕްރެސް

މިހާރު މޫމިނާގެ ބަލި ހާލަތު ހުންނަ ގޮތުން ދެކަކުލުގައި ރިއްސާތީ މަސައްކަތުގައި ގިނަ ވަގުތު އުޅެން ދަތިވެއެވެ. އެހެންކަމުން މިހާރު ދަރިންގެ ފަރާތުން އެހީތެރިކަން ލިބުމަކީ މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދެވޭ ސަބަބެއް ކަމުގައި އޭނާ ބުނެއެވެ.

އުމުރުން 65 އަހަރުވެ ކަކުލުގެ މައްސަލަ ހުރުމުން ވެސް މޫމިނާ އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާކަށް ބޭނުމެއް ނޫނެވެ. އުމުރުން ދުވަސްވެފައި މަސައްކަތެއް ނުކޮށް ހުންނަން ވެއްޖެ ނަމަ ފޫހިވާނެ ކަމަށާއި އަތުގައި ވަރުވެސް ހުންނާނީ މަސައްކަތް ކުރާތީ ކަމަށް މޫމިނާ ގަބޫލު ކުރެއެެވެ.

މި މަސައްކަތުން ލިބޭ އާމްދަނީ ރަނގަޅު ކަން ފާހަގަ ކުރަމުން މޫމިނާ ބުނީ، ހަނޑޫ ބަސްތާއެއް ގަނެގެން މި ތަކެތި ހަދައިގެން ވިއްކައިގެން ހަނޑޫ ބަސްތާއެއް ގަތް އަގާއި ގޭސްފުޅީގެ އަގާއި ތެޔޮ ފުޅިއަށް ދިޔަ އަގު ލިބިފައި ވެސް އިތުރުވާ ވަރަށް ވެސް ފައިސާ ލިބޭ ކަމަށެވެ. މިއީ އާމްދަނީ ރަނގަޅު މަސައްކަތެއް ކަމަށާއި ކަމެއް ނުކޮށް ހުރުމަށް ވުރެ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމަކީ ކޮންމެ މީހަކަށް ވެސް އޭނާ ދޭނެ ނަސޭހަތެކެވެ.