ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާންކޮށްފައިވާ ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ކޮށްފިއެވެ.
އެޗްޑީށީން މިހެން ބުނެފައި ވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ދޫކުރި މައްސަލައާ ވިދިގެން ހުޅުމާލެއިން ބިން ވިއްކާފައި ވަނީ ވެސް އެޗްޑީސީން ބިޑް އުސޫލާ ހިލާފަށް ކަމަށް ބުނެ އެކި ފަރާތްތަކުން އެ ކޯޕަރޭޝަނަށް ގިނަ ތުހުމަތުތަކެއް ކުރަމުން ދިއުމާ ގުޅިގެންނެވެ.
އެޗްޑީސީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކީ އާންމުކޮށް އިއުލާންކޮށް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ބިން ގަތުމުގެ ފުރަތަމަ މަރުހަލާގައި ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓާރެސްޓް (އީއޯއައި) ހުށަހެޅި ކަމަށާއި އެ ހުށަހެޅި ފަރާތްތަކަށް ބިޑް ކުރުމަށް ހުޅުވާލި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ހަމަވި އިރު އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން އެޗްޑީސީން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުމާލެއިން ބިން ވިއްކުމަށް ބިޑިން ޕްރޮސެސް ކުރިއަށް ގެންދިޔަ ތިން ބިމެއްގެ ތަފްސީލް ހާމަކޮށްފައެވެ. މިތިން ބިން ގަތުމަށް ވެސް އީއޯއައި ހުށަހެޅުމަށް ވަނީ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއް ހުށަހެޅުމަށް އިއުލާންކޮށްފައެވެ. އެގޮތުން 1316.24 އަކަފޫޓުގެ ދެ ބިމާއި 1316.25 އަކަފޫޓުގެ ބިމަށް ބިމުގެ ބޭސް ރޭޓަކަށް އައުލާންކޮށްފައި ވަނީ އަކަފޫޓަކަށް 4000 ރުފިޔާއެވެ.
އެގޮތުން 1316.24 އަކަފޫޓުގެ ލޮޓް ނަންބަރު 22346 ބިމަށް ވަނީ 2 ފަރާތެއް ބިޑުކޮށްފައެވެ. އޭގެ ތެރެއިން ބިޑް ކާމިޔާބުކޮށްފައި ވަނީ އަކަފޫޓަކަށް 4510 ރުފިޔާއަށް ބިޑުކުރި ފަރާތެވެ. 1316.25 އަކަފޫޓުގެ ލޮޓް ނަންބަރު 22354 ބިމަށް ވަނީ 4 ފަރާތެއް ބިޑުކޮށްފައިވާއިރު، އޭގެ ތެރެއިން ބިޑް ކާމިޔާބުކޮށްފައި ވަނީ އަކަފޫޓަކަށް 5027 ރުފިޔާއަށް ބިޑުކުރި ފަރާތެވެ. އަދި 1316.24 އަކަފޫޓުގެ ލޮޓް ނަންބަރު 22348 ބިމަށް ވަނީ 2 ފަރާތެއް ބިޑުކޮށްފައިވާ އިރު، އޭގެ ތެރެއިން ބިޑް ކާމިޔާބުކޮށްފައި ވަނީ އަކަފޫޓަކަށް 4315 ރުފިޔާއަށް ބިޑުކުރި ފަރާތެވެ.
އެޗްޑީސީން އާންމުކޮށް އިއުލާންކޮށްގެން ހުޅުމާލެއިން ވިއްކާފައިވާ ބިންތަކާ ގުޅިގެން ހަގީގަތާ ހިލާފް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.