ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ގޯތި ދޫކުރުމުގައި އޭރު އެންމެ އިސްކޮށް ހަރަކާތްތެރިވި އަކްރަމް ވިދާޅުވީ ސިސްޓަމުގެ ތެރެއިން ގަވާއިދާ ހިލާފަށް، އުސޫލުން ބޭރުން އެއްވެސް މީހަކަށް ލިޔުން ދޫކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ. އެ ސިސްޓަމް ތެރެއިން ދުލެއް ވެސް ނުކުރެވޭނެ،"
އަކްރަމް ކަމާލުއްދީން

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން އަންނަނީ ތަހުގީގު ހިންގަމުންނެވެ. އަދި އެ މައްސަލައާއި ގުޅިގެން އަކްރަމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

މި މައްސަލަ އާއި ގުޅިގެން އިއްޔެ ފަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންތަކަކާއި ފަޒީލް ވެސް ސަސްޕެންޑު ކޮށްފައިވާއިރު މި މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެ މައްސަލާގައި ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށެވެ.

އެ މައްސަލާގެ ތަހުގީގުގައި ފަޒީލް ބުނެފައިވަނީ އޭނާއަށް ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށާއި އެކަމުގައި އޭރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ބައްދަލު ވެސް ކުރެއްވި ކަމަށެވެ. ނަމަވެސް އަކްރަމް ވަނީ ފަޒީލްއާ ބައްދަލުކުރެއްވިކަން ދޮގުކުރައްވައިފަ އެވެ.

އޭގެއިތުރުން ފަޒުލްގެ ބޭބެ ފަޒީލް ރަޝީދުއާ ދުވަހަކު ވެސް ބައްދަލު ނުވާކަން ފާހަގަ ކުރައްވާ އަކުރަމް ވިދާޅުވީ އެކަމާ ގުޅިގެން ވެސް ފުލުހުން ހާމަ ކުރެއްވީ ދޮގެއް ކަމަށާއި ފަޒީލްއާ ބައްދަލު ކުރިނަމަ އެކަމާ ބެހޭ ޔައުމިއްޔާ ރެކޯޑުތައް ހައުސިން މިނިސްޓްރީގައި ވެސް ހުންނާނެ ކަމަށެވެ.