ފްލެޓު ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިންކަމުގެ ތުހުމަތުގައި، މިދިޔަ ސަރުކާރުގައި ފުލެޓު ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީނާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ޝަރުތުހަމަވާ ކަމަށް ނިންމައި، ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނި ކަމަށް ތުހުމަތުވާ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް މި މަހު 10 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ވަނީ ބުނެފައެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:

- ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަންކަން ކުރެއްވި, ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް

- ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރުކަން ކުރެއްވި، ހއ. އިހަވަންދޫ، ނެދުންގެ، މުހައްމަދު އާރިފް

- ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް، މއ. އިހާދޫ، އަހްމަދު ވިޝާން ނަސީމް

- ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މއ. ވިރާހް، ޟިރުއާމް ވަހީދު

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ތުހުމަތުގައި އަކްރަމާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، މި މައްސަލައިގެ އިތުރު ބައިތައް އޭސީސީއާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.