ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ސީއްހީ ހާލު ހުރިގޮތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާތީ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަން ކުރި ޒީނާ ޒާހިރު އެމަގާމުން އިސްތިއުފާ ދެއްވުމުން ސައީދު ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ޕީއެސްއެމްއިން ބުނީ، ސިއްހީ ހާލު ހުރި ގޮތުން ސައީދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި މިހާރު ޕީއެސްއެމްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެވަޑައިގަތް ހުންނަވާނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޔާމީން ކަމަށެވެ. މި ވަގުތު އާ އެމްޑީ އެއް ހަމަޖެއްސުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަަމަށް ވެސް ޕީއެސްއެމްގެ މީޑިއާ އޮފިޝަލް ބުނެއެވެ
ސައީދު މަގާމުން އިސްތިއުފާ ދެއްވިއިރު، ޕީއެސްއެމްގެ ކޮންޓެންޓާ ގުޅޭ މައްސަލަތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން ޕީއެސްއެމުން ވަގުތުން ގެނެސްދިން އިވެންޓެއްގައި ޤުރުއާނުން ބައެއް އުނިވީ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. މި މައްސަލައާ ގުޅިގެން ސައީދު ވިދާޅުވެފައި ވަނީ ޤުރުއާނުން ބައެއް އުނިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެ ކަމުގައި އިހުމާލުވި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން، ޕީއެސްއެމްއިން ގެނެސްދިން އިނގިރޭސި ހަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ދެއްކި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މިަކމާ ގުޅިގެން ޕީއެސްއެމްގެ ދެ މުވައްޒަފަކު ސަސްޕެންޑު ކުރިއެވެ.