ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ މުޅި ގްރީން ބިލްޑިން ކޮމްޕްލެކްސް ގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ އެއް ބާއްވައިދޭން އެދެން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

މިއަދު އެމްޑީޕީގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ދުވަސް އިއްތިފާގުން ދިމާވީ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ބޭއްވި ދުވަހާ ކަމަށާއި، އެހެންވެ އެ ހާދިސާ އާ ގުޅޭ މަސައްކަތެއް ކުރުމުގެ ފުރުސަތެއް ނުލިބޭ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތްކުރަން ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގައި ތިބީ އެމްޑީޕީގެ 12 މެންބަރުންކަމަށް ވުމާ އެކު، މި ކަމަކީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ކަމަކަށް ވާތީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ތާއީދު ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވޭނީ މަދުވެގެން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހުށަހެޅުމުންނެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެހެންވީމާ ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވޭނީ 31 މެންބަރުންގެ ސޮޔާ އެކުގައެވެ.

މީގެ އިތުރުން، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅުމަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން އެމްޑީޕީން ވަނީ ނިންމައިފައެވެ.