މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 27، 2021 ގައެވެ. އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތް ލަސްވުމާ ގުޅިގެން ބަންދުން ދޫކޮށްލަ ދިނުމަށް ލަމްހާގެ ފަރާތުން އެދުމުން ނިވެމްބަރު 23، 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ޕީޖީއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއެކު ހައިކޯޓުގެ އަމުރަށް އަލުން އޭނާ ވަނީ ބަންދުކޮށްފައެވެ.

އެއަށްފަހު ޝަރީއަތްތައް ލަސްވަމުންދާތީ ލަމްހާ ބަންދުން ދޫކޮށްލުމަށް އެދުމުން މިދިޔަ ނިވެމްބަރު މަހު 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްފައެވެ. ލަމްހާ ބަންދުން ދޫކޮށްލާފައި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ މަހުއެވެ. އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މިދިޔަ ހަފުތާގައި އެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ބުނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ޝަރީއަތް ލަސްވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މީހުން ބަންދުން ދޫކުރުމަކީ ކުރެވޭނެ ކަމެއްތޯ ހައި ކޯޓުން ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެއެވެ.

ލަމްހާ ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ރަނގަޅަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމިއިރު، އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގައެވެ.